މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް އަހުމަދު މުސްތަފާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި އަދާކުރައްވަމުން ގެންދިޔަ ވަޒީފާއިން ރޭ ވަކިކުރުމަށް ފަހު، މިއަދު އަލުން އޭނާގެ ވަޒީފާ އިއާދަކޮށްފިއެވެ.
ނަމަވެސް ޕީއެސްއެމްގެ ވަޒީފާ އިން މުސްތަފާ ވަކިކޮށްފައިވަނީ، އެމްއެމްސީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑުގެ މައްސަލަތައް ބޮޑުވެފައިވަނިކޮށެވެ. އެގޮތުން އެވޯޑުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދައި، ސީރިއަސް މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި އެމްއެމްސީގެ މެންބަރު އަލީ ނިޝާން ވަނީ ބަޔާނެއް ވެސް ނެރުއްވައިފައެވެ.
އެމްއެމްސީގެ ރައީސްކަމުގެ މަގާމަށް މުސްތަފާ އިންތިހާބުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޕީއެސްއެމް ތަމްސީލުކުރެއްވުމަށް އެމްއެމްސީއަށް އިންތިހާބުވެވަޑައިގެންނެވި މުސްތަފާގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވާނެއެވެ.