އެއްވެސް ސަރުކާރަކުން އަޅާނުލި "ބުޅަލުގެ މައްސަލަ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން، ޙައްލު ހޯއްދެވުމަށް ފެއްޓެވި ކެޓް ޝެލްޓަރ ނުވަތަ ބުޅާ ފެސިލިޓީގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ނިންމާ މިއަދު ހުޅުވަން ތައްޔާރުވެއްޖެއެވެ.
ސަރުކާރުން ޤާއިމުކުރި ކެޓް ޝެލްޓަރ ހުންނަނީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން، ވަރަށް އިސްކަމެއް ދެއްވައިގެން ކެޓް ޝެލްޓަރ އެއް ބިނާކޮށްފައިވާއިރު، މިކަމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު، ރައީސް ޑރ. މުޢިއްޒު ވަނީ ދެކެވަޑައިގެންފައެވެ.
ބުޅަލުގެ މައްސަލައަށް ޙައްލެއް ނުލިބި، މާލެ ސިޓީގައި ބުޅާ ގިނަވެ، ނުބެލެހެއްޓި، ޢާއްމު ދިރިއުޅުމަށް އުނދަގޫވާވަރަށް އެކަން ދިޔައިރުވެސް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް 3 ދައުރުގަައި އެކަމާ އެއްވެސް ވަރަކަށް އަޅައެއް ނުލާ ކަން ފާހަގަ ކުރެވެއެވެ.
ނަމަވެސް 2021 ވަނަ އަހަރު މާލެ ސިޓީގެ މޭޔަރުކަމަށް ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ކުރެއްވި ކެމްޕޭނުގައި، ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި، އަދި ޙައްލު ނުކުރެވި ދިގުލާފައިވާ މި މައްސަލަ ޙައްލުކުރަން މަސައްކަތް ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން މޭޔަރުކަމާ ޙަވާލުވެ ވަޑައިގަތުމާއެކު، ރައީސް ޑރ. މުޢިއްޒު ވަނީ، މާލެ ސިޓީގައި ގިނަވަމުންދާ ބުޅާތައް ވަކީން ރަނގަޅަށް ބެލެހެއްޓޭނެ ކެޓްޝެލްޓަރއެއް ޤާއިމްކުރާނެ ބިމެއް ހަމަޖައްސަވައިދެއްވުމަށް 2021 ވަނަ އަހަރު ސަރުކާރުގައި އެދިވަޑައިގެންފައެވެ.
އެހެންނަމަވެސް އޭރު އޮތް އެމްޑީޕީގެ ކޯލިޝަން ސަރުކާރުން އެއްވެސް އެއްބާރުލުމެއް އެކަމަކަށް ނުދިން ކަމަށާ އަދި މާލެ ސިޓީގެ އެއްވެސް ސަރަޙައްދަކުން ކެޓްޝެލްޓަރއަށް ޚާއްޞަ ބިމެއް ހަމަޖައްސައެއް ނުދިން ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އަދި ސަރުކާރުގެ އެއްބާރުލުން ނުލިބި މިކަން ދިގުލައި ދާން ފެށުމުން، މޭޔަރުކަމުގައި ރައީސް ޑރ. މުޢިއްޒު ހުންނަވައި، މިކަން ޙައްލުކުރެވޭނެ މަގެއް ފެނޭތޯ، ބޮޑުތަކުރުފާނުމަގު، މަސްވެރީންގެ ޕާކު އޮތް ސަރަޙައްދުން އެކަމަށް ޖާގައެއް ޚާއްޞަ ކުރެއްވޭތޯވެސް 2023 ވަނަ އަހަރު މަސައްކަތް ކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ، 2023 ނޮވެމްބަރ 17 ގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގެން، ދިރޭތަކެއްޗަށް އޯގާތެރިވެ ބެލެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްޓަކައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ނަމާއި މެންޑޭޓްގެ ތެރޭގައި އެނިމަލް ވެލްފެއަރ ހިމެނުއްވިއެވެ.
އަދި މާލެ ސިޓީގައި އެންމެ އިސްކަން ދެއްވައިގެން ޙައްލު ހޯއްދަވާ އެއް ކަމެއްގެ ގޮތުގައި، ކެޓް ޝެލްޓަރ ބިނާކުރުން ހިމަނުއްވައި، ހުޅުމާލެ 2 ވަނަ ފިޔަވަހީން އެކަމަށް ޚާއްޞަ ބިމެއް ސަރުކާރުން ހަމަޖެއްސެވިއެވެ. އަދި އެނިމަލްވެލްފެއަރ މިނިސްޓްރީއާ، މާލެ ސިޓީ ކައުންސިލް ގުޅިގެން ކެޓްޝެލްޓަރ ބިނާކުރެވޭނެ މާލީ އެހީއާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވިއެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި މާލެ ސިޓީގައި ބިނާކުރެވޭ ކެޓްޝެލްޓަރގެ ސަބަބުން، އެތައް އަހަރުތަކެއް ވަންދެން ރައްޔިތުންނަށް ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލަ ޙައްލު ކުރެވޭނެއެވެ. އަދި ރަށުތެރެއާ މަގުތައް ހަޑިވެ ނަޖިސްވުން ކުޑަވާނެ ކަމަށާ އަދި ބުޅާ ބެލެހެއްޓުންވެސް އޯގާތެރިކަމާ އަޅައިލުމާއެކު އިންތިޒާމު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ހަމައެހެންމެ ކެޓްޝެލްޓަރގައި އޯގާތެރިކަމާއެކު ބުޅާ ބަލަހައްޓައި، ކާންބޯންދީ، ބޭސްފަރުވާ ކުރެވޭނެ އިންތިޒާމާ، އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ މީހުންނާ، ޑޮކްޓަރުންވެސް ތިބޭނެއެވެ.