އޮޅު ހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން.

ބްލޮކް ގްރާންޓުގެ ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެ: ރައީސް

ބްލޮކް ގްރާންޓުގެ ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު މިވާހަކަފުޅު ދައްކަވާފައި ވަނީ މި ސަރުކާރުން ހުޅުމާލޭގައި ބިނާކުރި ޕެޓް ކެއަރ ސެންޓަރ "އޮޅު ހިޔާ" ހުޅުވުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ފަހަރުގެ ބަޖެޓް ފާސްވާއިރު ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ ގޮތުގައި %5 ކައުންސިލްތަކަށް ލިބޭނެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދެއްވުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމާމަވާފައިވާކަން ހާމަކުރެއްވިއެވެ.

މީގެއިތުރުން ބްލޮކް ގްރާންޓުގެ %5 ގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭގޮތް ހެދުމަށް ޤާނޫނަށް އިސްލާޙް ގެނައުމަށް ފޮނުއްވާނެކަމަށާ ޤާނޫނުގައި ލިޔެވިފައިހުރި، މިއަދާ ހަމައަށް ނުކޮށްހުރި ކަންތައްތަކެއް ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ކައުންސިލްތަކަށް ހަވާލުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ހިނގަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރުމުގައި މި ސަރުކާރުން ގެންދަނީ ޢަމަލާ ބަހާ ދިމާކުރަމުން ކަމަށާ "އޮޅު ހިޔާ" އަކީ އެކަމުގެ ނަތީޖާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!