ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ނަސްރުގެ ދުވަހުގެ މުހިންމު ދެ ހަރަކާތުގައި ރައީސް ބައިވެރިވިތަން ފެނުނު މިއީ ފުރަތަމަ ފަހަރު: އިޙްސާން

ރައީސުލްޖުމްހޫރިއްޔާ، އަދި ކޮމާންޑރ އިން ޗީފަކު، ނަސްރުގެ ދުވަހުގެ މުހިންމު ދެ ހަރަކާތުގައި ބައިވެރިވިތަން ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް ހޯމް މިނިސްޓަރ އަދި މީގެ ކުރިން ސިފައިންގޭގައި މަސައްކަތް ކުރައްވާފައިވާ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މީގެ އިތުރުން، ނަސްރުގެ ދުވަސް ފެށުމަށް ސިފައިން އެއްޖަމާޢަތެއްގައި ކުރެވުނު ފަތިސް ނަމާދުގެ ޖަމާޢަތުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ 11 އަހަރުގެ ސިފައިންގެ ޚިދުމަތުގައި އަދި އޭގެ ފަހުން މިވީ 8 އަހަރު ތެރޭގައި، މި ދެ ހަރަކާތުގައި ނުވަތަ މީގެ ތެރެއިން އެއްވެސް ހަރަކާތެއްގައި ކޮމާންޑަރ އިން ޗީފަކު ބައިވެރިވެވަޑައިގެންނެވި ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ޤައުމީ ބަޠަލުންނަށް އެކަށީގެންވާ، ދޭންޖެހޭ ޝަރަފު ދެއްވި ކަމަށްޓަކައި ރައީސް މުޢިއްޒަށް ޝުކުރު ދަންނަވަން" އިޙްސާން ވިދާޅުވިއެވެ.

މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަސް ފަށާފައިވަނީ ސިފައިން އެއްޖަމާޢަތެއްގައި ކުރެވުނު ފަތިސް ނަމާދުންނެވެ.

އިސްލާމީ މަރުކަޒުގައި އެއް ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒުއާއި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން ބައިވެރިވިއެވެ.

އެއަށްފަހު ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފައިވެއެވެ.

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި، ގާޑު މާއުންޓް ކުރުމުން ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ޤައުމީ ބަޠަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އަދި މީގެ އިތުރުން ދުވަހާގުޅިގެން ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!