ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް

ބަންގީގެ އަޑު އިވޭއިރު ވެސް ވައްކަން ކުރާ މީހާ ވައްކަންކުރަނީ: ޑރ. ޝަމީމް

އަޅުގަނޑުމެންގެ ތެރޭގައި ބަންގީގެ ކަލިމަތަކާމެދު ފުންކޮށް ވިސްނާ މީހުން މަދު ކަމަށާއި، ބަންގި ގޮވަމުން ދާއިރުވެސް ފާފަތަކަށް އަރައިގަންނަމީހުން އެކަމުގައި އުޅެމުންދާ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލޭ ރުއްގަނޑު2 ސަރަހައްދުގައި އަސްރު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި ”ކަލަކުވޭ ބިރުވެތިވޭ“ ދަރުހުގައު ވާހަކަ ދައްކަވަމުން ޝެއިޚް ޝަމީމް ވިދާޅުވީ މިއަދު މުސްލިމުންގެ މައްސަލައަކީ ޔަހޫދީންނާއި ނަޞާރާއިންގެ ވާހަކަ ދައްކާއިރު، އެމީހެއްގެ ވާހަކަ އެމީހަކަށް ދެއްކޭ މިންވަރު މަދުވުމެވެ. އަދި ”އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަފްސާއި މެދު މާ ބޮޑަށް ޣާފިލުވެފައިވާ“ ކަމަށެވެ.

"الله އަށް ބިރުވެތިވުން އެންމެ އައުލާކަން ބޮޑު އަޅުގަނޑުމެން. އަޅުގަނޑުމެންގެ ހިތްތަކަށް އެ ބިރުވަދެ، އަޅުގަނޑުމެންގެ ހިތްތަކުގައި އީމާންކަން އަށަގަނެ، އަޅުގަނޑުމެންގެ ނަފްތައް ތަރުބިއްޔަތު ކުރީމާ، މާތް الله އަޅުގަނޑުމެންނަށް ނަސްރު ދެއްވާނީ. މާތް الله ޔަހޫދީން ނިކަމެތި ކުރައްވާނެ. އެއީ އެކަލާނގެ ވައުދު. މާތް الله ހިންދޫންނާއި، މުޝްރިކުންނާއި، ދައްޖާލަށް ތަބާވާ އެންމެން ނިކަމެތި ކުރައްވާނެ. އަދި ރަސޫލާ ޞޢވ ގެ ސުންނަތަށް ނަސްރު ދެއްވާނެ." ޑރ. އާދަމް ޝަމީމް

"އެކަމަކު ކޮން ބައެއްގެ އަތް މައްޗަށްތޯ. އީމާންތެރި ބައެއްގެ އަތްމައްޗަށް. ވުޟޫކުރާ އަތްތަކެއްގެ މައްޗަށް. ސަޖިދަކުރާ ނިތްކުރިތަކަކާ. މާތް اللهއަށް ބިރުވެތިވާ ބައެއްގެ މައްޗަށް.“ ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް ވަނީ ކޮންމެ ދުވަހަކު ފަސް ވަގުތު ”الله اكبر“ އޭ ގޮވާ އަޑު ކަންފަތަށް އިވޭއިރު، އެ ކަލިމަ ފުޅާމެދު ވިސްނާލެވެނީ ކިތައް މީހުންނަށްތޯ ސުވާލު ކުރައްވާފައެވެ.

"ބަންގީގެ އަޑު އަންނައިރު، ވައްކަންކުރާ މީހާ ވައްކަންކުރަނީ. ކުޅިވަރުގައި އުޅޭ މީހާ ކުޅިވަރު ކުޅެނީ. ޣާފިލުކަންމަތީ ނިދާފައި އޮތް މީހާ ނިންޖަކުން ނުހޭލާ. ވިޔާނުދާ ޢަމަލުތަކުގައި ތިބި މީހުންނަކަށްވެސް އެ ވަގުތު ކޮޅަށްވެސް ހުއްޓާލަން ހަނދާންނުވާ މީހުން ވަރަށް ގިނަ. އަޅުގަނޑުމެންގެ ޙާލަތު މިއީ." ޑރ. އާދަމް ޝަމީމް

މިއާއެކު ޝެއިޚް ވިދާޅުވީ، ”الله اكبر“ މި ކަލިމައިގެ މާނަ ތަޞައްވަރުވާ މީހަކަށް ދުނިޔޭގެ މުޞީބާތްތައް އެއީ އެއްވެސް ބޮޑު ކަމަކަށް ނުވާނެ ކަމަށެވެ. އަދި ދުނިޔޭގެ ކަންބޮޑުވުމަކީ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެސް އެމީހަކަށް ނުވާނެ ކަމަށެވެ. އެފަދަ މީހަކަށް ތަޙަންމަލް ނުކުރެވޭވަރުގެ އިމްތިޙާނެއް މި ދުނިޔެމަތީގައި ނާންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެނީ އެ ކަލިމަ ހަނދާނަށް އައުމުން އޭނާގެ ހުރިހާ ކަންބޮޑުވުމެއް ފިލައިގެންދާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. އެހެންކަމުން، އެންމެހައި މުސްލިމުންވެސް، މާތް الله މަޢުރިފާކޮށް ދަސްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މުޖުތަމަޢުގައި އާއްމު ވެފައިވާ ފަސާދަތަކާއި ކުށަތަކުގެ މައްޗަށް ޝެއިޚް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ހައްގަކާއި ނުލައި މީހުން މަރައި، މީހުންނަށް އަނިޔާ ދިނުމާއި، އަންހެނުންނާއި ފިރިހެނުން ކައިވެނި ނުކޮށް ”ކައިވެނި ކޮށްގެން“ އުޅުމާއި، ނުހައްގުން އަނެކާގެ މުދާ ފޭރުން ފަދަ ކަންކަމަށް އަލި އަޅުވާލެއްވިއެވެ.

އެއާއެކު އެފަދަ ކަންކަން ކުރާ މީހަކަށްހުރި އުގޫބާތް ހަނދާންކޮށްދެއްވައި ޝެއިޚް ވިދާޅުވީ މާތްالله ވަހީ ބަސްފުޅުތަކުން އެނގޭ ގޮތުގައި ނަރަކައިގެ ދަރަކީ އިންސާނުންނާ ހިލަ ކަމަށެވެ. އަދި އެ ނަރަކަ މަތިން ހުރަސް ކުރަން ނުޖެހޭނެ އެއްވެސް އިންސާނަކު ނުވާނެ ކަމަށެވެ.

އެހެންކަމުން އަބަދު ވެސް މުންކަރާތެއް ކުރުމުން ލިބޭނެ އަޒާބާމެދު އައިސްފައިވާ ވައީދުގެ ބަސްތައް އަޑުއަހައި ހަނދާންކުރުން މުހިންމު ކަމަށް ޝެއިޚް ޝަމީމް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!