ނަބަވީ ސުންނަތަކީ ތަރްބަވީ އަދި އިޖްތިމާޢީ ކަންޒެކެވެ. މި ކަންޒުގައި ގެވެށި ރޯގާތައް ނައްތާލައި އަގުހުރި ފަރުވާތަކެއް ވެއެވެ. ޢާއިލީ އަރާރުންތަކާއި ދެބަސްވުންތައް ޙައްލުކޮށްދޭ މުހިންމު އާލަތްތަކެއް ވެއެވެ. އެއިގެ ތެރޭގައި ކީރިތި ރަސޫލާގެ ޙަދީސްބަސްފުޅު ((قُمْ أَبَا تُرَابٍ – އޭ އަބޫތުރާބޭވެ! ތިބާ ނިކަން ތެދުވެބަލާށެވެ!))
މާތްﷲ ރުއްސުންލެއްވި ސަހްލު ބުނު ސަޢުދުއް ސާޢިދީގެ އަރިހުން ރިވާވެގެންވެއެވެ. ((جاءَ رَسولُ اللَّهِ ﷺ بَيْتَ فاطِمَةَ فَلَمْ يَجِدْ عَلِيًّا في البَيْتِ، فَقالَ: أيْنَ ابنُ عَمِّكِ؟ قالَتْ: كانَ بَيْنِي وبيْنَهُ شيءٌ، فَغاضَبَنِي، فَخَرَجَ، فَلَمْ يَقِلْ عِندِي فَقالَ رَسولُ اللَّهِ ﷺ لِإِنْسانٍ: انْظُرْ أيْنَ هُوَ؟ فَجاءَ فَقالَ: يا رَسولَ اللَّهِ، هو في المَسْجِدِ راقِدٌ، فَجاءَ رَسولُ اللَّهِ ﷺ وهو مُضْطَجِعٌ، قدْ سَقَطَ رِداؤُهُ عن شِقِّهِ، وأَصابَهُ تُرابٌ، فَجَعَلَ رَسولُ اللَّهِ ﷺ يَمْسَحُهُ عنْه، ويقولُ: قُمْ أبا تُرابٍ، قُمْ أبا تُرابٍ – އެއްދުވަހަކު ރަސޫލުﷲ ﷺ ފާޠިމަތުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ގޭތެރެއިން ޢަލީގެފާނު ފެނިވަޑައެއްނުގެންނެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ތިބާގެ ބޮޑުބޭބެގެ ދަރި ކޮބައިހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. އަޅުގަނޑާ އެކަލެގެފާނާ ދެމެދުގައި ހިނގި ކަމަކާ ހެދި އަހުރެން ގާތަށް ރުޅި އައުމުން އެކަލޭގެފާނު ބޭރަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު މެންދުރަށް ޖައްސައެއް ވެސް ނުލައްވައެވެ. ފަހެ ރަސޫލާ ﷺ އެތާނގައި ހުރި މީހަކަށް އެކަލޭގެފާނު ވީ ތަނެއް ބަލާބަލާށޭ ވިދާޅުވިއެވެ. އެމީހާ އެނބުރި އައިސް ދެންނެވިއެވެ. އެކަލޭގެފާނު މިސްކިތުގައި އަވަހާރަފުޅުލައްޕަވައިފައި އެބަ އޮންނެވިއެވެ. ފަހެ ރަސޫލާ ﷺ ވަޑައިގެންނެވ އިރު އެކަލޭގެފާނު އޮންނެވީ އެއް އަތަކަށް އޮށޯވެވަޑައިގެންނެވެ. އެކަލޭގެފާނުގެ ރިދާކޮޅު އޮތީ ކޮނޑުފުޅު މަތިން ވެއްޓިފައެވެ. ގައިކޮޅަށް ވަނީ ކުޑަކޮށް ހިރަފުސް ބުރައިފައެވެ. ފަހެ، ރަސޫލާ ﷺ އެކަލޭގެފާނުގެ ގައިކޮޅުން ހިރަފުސް ފުއްސަވަމުން ވިދާޅުވިއެވެ. އޭ އަބޫ ތުރާބޭވެ.[1] ނިކަންތެދުވެ ބަލާށެވެ! އޭ އަބޫ ތުރާބޭވެ! ނިކަން ތެދުވެބަލާށެވެ!))[2]
ކައު ރަސޫލާ ﷺ ގެ މި ބަސްފުޅުގެ ތެރެއަށް ފީނާލަމާ ހިނގާށެވެ! ޢާއިލާ ވެށީގެ މަސްއަލަތައް ޙައްލުކުރުމަށް ބޭނުންވާ އެތައް މުތީތަކެއް ފެންނާނެއެވެ. އަގުހުރި އެތައް އިރްޝާދުތަކެއް ބޭނޭނެއެވެ. އެއިގެ ތެރޭގައި މި އަންނަ ކަންތައްތައް ފާހަގަކުރެވެއެވެ.
– އަނބިމީހާއާއި ފިރިމީހާގެ އަހްލުވެރިން ދެމަފިރިންގެ ޙާލުއަޙްވާލު ބެލުން: ނަބިއްޔާ ﷺ އަކީ ދޭތެރެދޭތެރެއިން އެކަލޭގެފާނުގެ ލޮބުވެތި ދަރިކަނބަލުން ފާޠިމަތުގެފާނުގެ ގެކޮޅަށް ވަޑައިގެން އެކަމަނާގެ ޙާލުކޮޅު ބައްލަވައި ފިރިކަލުންނާ އެކު ދުވަސްތައް ހޭދަކުރައްވާ ގޮތް ގާތުން ދެކެވަޑައިގެންނެވި ލޮބުވެތި ބަފާކަލެކެވެ. އެކަލޭގެފާނު އެކަމަނާގެ ގެކޮޅަށް ވަޑައިގެންނެވީ އެކަމަނާގެ ޒަވާޖީ ޙަޔާތްޕުޅުގެ ޚާއްޞަ ކަންތައްތައް ހުންނަ ގޮތް ބައްލަވާކަށް ނޫނެވެ. މި ޒިޔާރަތްކުރެއްވުމުގެ މަޤްޞަދަކީ އިރްޝާދާއި ނަސޭހަތް ދެއްވުމާއި ރަނގަޅު މަގު ދެއްކެވުމެވެ.
– ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި ނިޔަނެތިކަމާއި އޯގާވެރިކަން ދެމެހެއްޓުމުގެ މުހިއްމުކަން އުނގަންނާދެއްވުން: ނަބިއްޔާ ﷺ އެކަލޭގެފާނުގެ ދަރިކަނބަލުންގެ ގެކޮޅަށް ވަދެވަޑައިގެން އެކަމަނާގެ ފިރިކަލުން ފެނިވަޑައިނުގަތުމުން ފިރިކަލުންނާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެ ދެކަނބަލުންނަކީ ވަރަށް ގުޅުން ބަދަހި ދިރިއުޅުމެއް އުޅުއްވަމުންގެންދަވާ ދެކަނބަލުން ކަން ނަބިއްޔާއަށް އެނގިވަޑައިގަންނަވާތީއެވެ. މިހެންވެ ވިދާޅުވިއެވެ. "ދަރިފުޅުގެ ބޮޑުބޭބެގެ ދަރި ކޮބައިހެއްޔެވެ؟ ޢަލީގެފާނު ކޮބައިހެއްޔެކޭ ވިދާޅެއްނުވެއެވެ. އަދި ދަރިފުޅުގެ ފިރިމީހާ ކޮބައިހެއްޔެކޭ ވެސް ނާއްސަވައެވެ. މިއީ ފާޠިމަތުގެފާނުގެ ހިތްޕުޅު ތަނަވަސްކޮށްދެއްވުމަށާއި ޖައްވު ތާޒާކޮށްދެއްވުމަށް ޖެއްސެވި ފިނިފެނެކެވެ. އެކަމަނާއާ ޢަލީގެފާނާ ދެމެދުގައި އޮތް ތިމާގެކަން ހަނދުމަފުޅުކޮށްދެއްވުމަށް ހުޅުއްވާލެއްވި ދޮރެކެވެ.
– ޢާއިލާގެ ވެށީގެ ޚާއްޞަ ސިއްރުތައް ދެމެހެއްޓުން: މާތްﷲ ރުއްސުންލެއްވި ފާޠިމަތުގެފާނު އެކަމަނާގެ ބަފާކަލުންނަށް ކައުރަސޫލާއަށް އެކަމަނާއާ އެކަމަނާގެ ފިރިކަލުންނާ ދެމެދުގައި ހިނގި ދެބަސްވުމުގެ ވާހަކައެއް ނުދަންނަވައެވެ. އަދި ނަބިއްޔާ ވެސް މި ދެބަސްވުމުގެ ސަބަބާ ބެހޭގޮތުން ސުވާލެއް ނުމެކުރައްވައެވެ. ފާޠިމަތުގެފާނު ރަސޫލާއަށް ދެންނެވިއެވެ. "އަޅުގަނޑާ އެކަލޭގެފާނާ ދެމެދުގައި ހިނގި ކަމަކާ ހެދި އަހުރެން ގާތަށް ރުޅި އައުމުން އެކަލޭގެފާނު ބޭރަށް ނުކުމެ ވަޑައިގަތީއެވެ." މި ބަސްފުޅުން ދެމަފިރިންގެ ޚާއްޞަ ސިއްރުތައް ދަމަހައްޓަން ޖެހޭނެކަން އެނގެއެވެ. އަދި ދެމަފިރިންގެ އަހްލުވެރިން މި ފަދަ ކަންކަމާ ބެހިގެންނުވާނެ ކަން ވެސް އެނގެއެވެ. ދެމަފިރިންގެ މަސްއަލަތަކުގެ ތެރެއަށް އެ މީހުންގެ އަހްލުވެރިން ވަނުމަކީ މަސްއަލަތައް އިތުރަށް ތައުގީދުވެގެން ހިނގައިދާނެ ކަމެކެވެ.
– ގެއަކީ ލޯތްބާއި އޯގާވެރިކަމުގެ ވެށްޓެކެވެ. " އެކަލޭގެފާނު ބޭރަށް ނުކުމެވަޑައިގަތީއެވެ." ފާޠިމަތުގެފާނުގެ ބަސްފުޅުން މި ކަން އެނގެއެވެ. އިންސާނާއަށް ފުރިހަމަ ހިތްހަމަޖެހުމާއި ރާޙަތު ގޭތެރެއިން އަނބިމީހާގެ ގާތުން މެނުވީ ނުލިބޭނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ [3]– ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.))
– ކަންބޮޑުވެ ހާސްވާ ވަގުތު މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ދިޔުން: ނަބިއްޔާ ﷺ އެކަލޭގެފާނުގެ ދަނބިދަރިކަލުންނަށް އަބަދުވެސް ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވިއެވެ. މިހެންވެ އެކަލޭގެފާނު ވީ ތަނެއް ބެލުމަށް މީހެއްގެ ގާތުގައި ވިދާޅުވިއެވެ. އެކަލޭގެފާނު ފެނުނީ މިސްކިތުންނެވެ. މިއީ ވަރަށް މުހިއްމު ފިލާވަޅެކެވެ. މިސްކިތަކީ ﷲގެ ގެކޮޅެވެ. އެ ތަނަށް ދާ މީހުންނަކީ ﷲއަށް ޒިޔާރަތްކުރާ މީހުންނެވެ. އެތަނުން މުއުމިނުންނަށް ހިތްހަމަޖެހުމާއި ރާޙަތު ލިބޭނެއެވެ. މިސްކިތުގައި އިނދެ ޤުރްއާން ކިޔަވައިގެން ﷲގެ ޙަޟްރަތަށް ދެވޭނެއެވެ. ދީނީ ދަރުސްތަކާއި ވަޢުޡާއި ހެޔޮ ނަސޭހަތުގެ އަޑުއިވޭނެއެވެ. އެތަނުން އަނބިމީހާއަށް އަޅައިލުމަށް ގޮވައިލާ އަޑުތައް އިވޭނެތެވެ. ފާޙިޝްކަމާއި ހަޑިހުތުރު ޢަމަލުތަކުން ދުރުވެގަތުމަށް ހިތްވަރު ލިބޭނެތެވެ. މީސްމީޑިޔާއިން މިއަދު މި ފެންނަ ފަދަ މަންޒަރުތަކެއް މިސްކިތަކުން ނުފެންނާނެއެވެ. އަނބިމީހާ ދެކެ ރުޅިއައިސްގެން ހާސްވެގެން ރާފުޅިއެއް ނުކަނޑާނެއެވެ. ވޭޕުކޮށް ސިގިރެޓެއް ނުބޯނެއެވެ. ރޭގަނޑުގެ ކުލަބުތަކެއް ނުހުންނާތެވެ.
– ދަނބިދަރިންނާއި ޅީދަރިންނާ އެކު އަބަދުވެސް ރަނގަޅު ގުޅުމެއް ބޭއްވުމުގެ މުހިންމުކަން: ނަބިއްޔާ ﷺ ސަމާސާފުޅުކުރައްވާ ފަދަ ގޮތަކަށް ޢަލީގެފާނާ ދިމާއަށް ވިދާޅުވީ : އޭ އަބޫތުރާބޭވެ! ތެދުވެބަލާށެވެ! އެކަލޭގެފާނުގެ ދަރިކަނބަލުން ދެކެ ކޯފާވީތީ އެކަމާ ބެހޭގޮތުން ނުރުހުމުގެ އެއްވެސް ބަސްފުޅެއް ވިދާޅެއްނުވެއެވެ. މި މުޢާމަލާތުން އެނގެނީ ދަނބިދަރިންނާއި ޅީދަރިންނާ އެކު ރިވެތި ގޮތުގައ މުޢާމަލާތުކުރުމަކީ މުހިންމު ކަމެއް ކަމެވެ. ދެމަފިރިންގެ ގުޅުން ދެމެހެއްޓޭނީ އޭރުންނެވެ.
– އެއްވެސް ގެއަކީ ޒަވާޖީ މަސްއަލަތަކުން ހުސްވެގެންވާ ވަސް މީރު ނަލަ ބަގީޗާއެއް ނޫނެވެ. އެންމެ ޠާހިރު އެންމެ ޝަރަފުވެރި ގޭތެރެއިން ވެސް މި ވަނީ މަސްއަލަތައް ފެނިފައެވެ. ޒަވާޖީ ދެބަސްވުންތަކަކީ ޒަވާޖީ ޙަޔާތުގައި ޠަބީޢީ ކަމެކެވެ. ބަލަންވީ ސަބަބުތައް ދެނެގަނެ ކެތްތެރިކަމާއި ތަސާމުޙާއި އެކަކު އަނެކަކަށް އިޙްތިރާމުކުރުމުގެ ގިއުގަނޑުގެ ތެރޭގައި މަސްއަލަތައް ޙައްލުކުރުމެވެ. އެކަކު އަނެކަކަށް މާފުކޮށް އެކަކު އަނެކެއްގެ ކުށްތައް ނޭނގޭ ކަމަށް ހެދުމެވެ.
[1] – ގަޔަށް ހިރަފުސް ބުރާފައިވާ މީހާ
[2] – أخرجه البخاري (٣٧٠٣)، ومسلم (٢٤٠٩).
[3] – سورة الروم: 21