އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

2025 ވަނަ އަހަރު ވެގެންދާނީ އިސްލާމީ ޔުނިވާސިޓީއަށް ފާގަތި އަހަރަކަށް: ވަޒީރު

2025 ވަނަ އަހަރު ވެގެންދާނީ އިސްލާމީ ޔުނިވާސިޓީއަށް ފާގަތި އަހަރަކަށް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "މަޙްފަލުލް ޤުރްއާނިލް ކަރީމް 1446″ ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ފައްކަވަމުން ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރަކީ އިސްލާމީ ޔުނިވާސިޓީއަށް ފާގަތި އަހަރަކަށްވެގެންދާނެކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ޔުނިވާސިޓީއާއި ގުޅޭ ވަރަށް ރަނގަޅު ތަޞައްވުރެއް އެކުލަވާލެވިފައިވާކަމަށާއި މި ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި، 2025 ވަނަ އަހަރު މިކަމުގައި ޢަމަލީ ސިފަތައް ޖެހޭތަން ފެންނާނެކަމުގެ އުފާވެރި ޚަބަރު ދެއްވާކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަކީ ރާއްޖޭގެ ދަރިވަރުންގެ އިތުރުން ރާއްޖޭން ބޭރުންވެސް ދަރިވަރުންވެސް ތަޢުލީމް ޙާޞިލްކުރުމަށް އަންނާނެ ޔުނިވާސިޓީއަކަށް ހެއްދެވުންކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށާއި، އެކަމަށްޓަކައި އިސްލާމީ ޔުނިވާސިޓީގެ އެންމެހާ ވެރިންނަށް ޝުކުރު ދަންނަވާކަމަށެވެ. މީގެ އިތުރުން އިސްލާމީ ޢިލްމު ފެތުރެއްވުމަށް އިސްލާމީ ޔުނިވާސިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދޭން ޖެހޭ ފުރިހަމަަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!