ފޮޓޯ: އެމްއެންޑީއެފް

ނަޞްރުގެ ދުވަސް- ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި!

ދިވެހިރާއްޖޭގެ ފަޚުރުވެރި 36 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި 3 ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

3 ނޮވެމްބަރުގެ ހަނދާނީ ބިނާ ސަރަޙައްދުގައި މިއަދު ހެނދުނު 6:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަޖަހައި، ގާޑު މައުންޓް ކުރުމުން ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ޤައުމީ ބަޠަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.

އަދި މީގެއިތުރުން ދުވަހާއި ގުޅިގެން ޚާއްޞަ ދުޢާއެއްވެސް ވަނީ ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބުރާހީމް ޙިލްމީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޣިޔާޡްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރައްވެހިންނާއި ސީނިއަރ އޮފިސަރުންނާއި އަދި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

advertisement
ހިޔާލު ދެއްވާ!