ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ”ރޮއްވާފައި ލޯތައް“ ރިލީސްކޮށްފި

ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ އިސްލާމިކް ރިދަމް  އިން އުފެއްދި ”ރޮއްވާފައި ލޯތައް“ ލަވަ ރޭ ރިލީސްކޮށްފިއެވެ.

"އެހީ ޖަމިއްޔާ"ގެ އެހީ ތެރި ކަމާއެކު ނެރުނު މި ލަވައިގެ އޯޑިއޯ ރިކޯޑިންގ ހަދާފައި ވަނީ، ހުސައިން ތައުފީޤެވެ. ވީޑިއޯ ތައްޔާރު ކުރީ އޯކޭޒް އިންކް އިންނެވެ.

މޫސާ ޝިފާޢުގެ އަޑުން ކިޔާފައިވާ މި ލަވައަކީ، އިސްލާމިކް ރިދަމްގެ ފައުންޑަރ އެއް ކަމަށްވާ އަޙްމަދު ރިފާޢުގެ މަންމަ، އާބިދާ އަބްދުالله އަށް ޚާއްސަ ކުރެވިފައިވާ މަދަހައެކެވެ. އާބިދާ ނިޔާވެފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުގައެވެ.

ރިފާޢުގެ ”ރޮއްވާފައި ލޯތައް“ ޅެމުން، ކިޔައިދިނީ މަންމަ ވަކިވުމުން ދަރިންނަށާއި މުޅި އާއިލާއަށް ލިބިގެންދާ ހުސްކަމާއި ފަޅުކަމެވެ. އެގޮތުން، މަންމަ ވަކިވެގެން ދިޔަ ނަމަވެސް، މަންމަ ހުންނަ ކަމުގެ އިހްސާސް ކުރެވޭއިރު، އެ މަންމަ ހަގީގަތުގައި ދުނިޔޭގައި ނެތް ކަން ގަބޫލުކޮށް އެ ހަގީގަތާއި ކުރިމަތިލާ ދަރިންނަށް ލިބޭ ފުން ހިތާމައާއި ކެކުޅުން، ޅެމުން ވަރަށް ރީތިކޮށް ސިފަ ކޮށްދީފައިވެއެވެ.

ހަމަ އެއާއެކު، މަންމަގެ ފަހު ވަގުތާއި، ބަލި ހާލުގައި އެ މަންމަ އިސްކުރި ކެތްތެރިކަމުގެ ރިވެތި ނަމޫނާ ޅެމުން ސިފަކޮށްފައިވާ ގޮތް ވަރަށް ފުރިހަމައެވެ.

މީގެ އިތުރުން، މަންމަ ވަކިވެދިޔުމުގެ ޚަބަރުގައި ހުރި ވޭނާއި، އެ މަންމަ ކަފުންކޮށް ވަޅުލާއިރު ދަރިންނާއި ޢާއިލާ ތަހަންމަލްކުރާ ހިތްދަތިކަން ގެނެސްދީފައިވަނީ، މި ޅެން އަޑުއަހާލާ ކޮންމެ މީހަކުވެސް ހަގީގަތުގައިވެސް ”ރޮއްވާލާ“ ފަދަ ގޮތަކަށެވެ.

މި ޅެމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ މޫސާ ޝިފާޢު ޅެން ކިޔާފައިވާ އަސަރާއި، ލަވައިގެ ވީޑިއޯއިން ދައްކުވައިދިން މަންޒަރުތަކުންނެވެ.

މަންމަ އާއި ގުޅޭ ގޮތުން ރިފާޢު ވަނީ މީގެ ކުރިންވެސް ގިނަ ޅެން ތަކެއް ހަދާފައެވެ. އޭގެ ތެރޭގައި އަލީ ރަމީޒު ކިޔާފައިވާ، 'ނުވަމަސް ދުވަހުގެ ގަދަ ވޭނުގައި' އާއި މޫސާ ޝިފާއު ކިޔާފައިވާ 'މަގޭ ލޯބި މަންމާ، މަށަށް މާފުދީ’، އާއި ޝަލަބީ ކިޔާފައިވާ ”މަންމާ ތިއީ އަސްލީ ހިތް މަގޭ“  އަކީ އަދިވެސް ގިނަ ބަޔަކަށް އެންމެ ރީތި މަދަހަތަކެވެ.

advertisement
ހިޔާލު ދެއްވާ!