ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ މި ގައުމުދެކެ ލޯބިވެވަޑައިގަންނަވާ ބޭފުޅެއްކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ހިލްމީ މިފަދައިން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އަސްކަރިއްޔާއިން ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގައިވެސް ދިވެހި އަސްކަރިއްޔާ ތަރައްގީ ކުރުމުގައި ނަތީޖާ ދައްކައިފިކަމަށާއި، މިއަދުގެ ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ ގައުމުދެކެ ލޯބިވެވަޑައިގަންނަވާ، ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް އަސްކަރިއްޔާ އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވެވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ.
ޙިލްމީ އިތުރަށް ވިދާޅުވީ، ފާއިތުވެގެންދިޔަ ގިނަ އަހަރުތަކުގައި ނަޞްރުގެ ދުވަސް ފާހަގަކުރެވެމުން އައިސްފައިވަނީ ހަމައެކަނި ސިފައިންގެ ލެވެލްގައި ކަމަށާއި، އެދުވަހަށް ދޭންޖެހޭ ސަމާލުކަން އެންމެ ރަނގަޅަށް އަދި އެންމެ އެކަށީގެންވާ ގޮތުގައި ދެވިފައިނުވާކަމަށެވެ.
އެހެންނަމަވެސް، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް ޤައުމީ ލެވެލްގައި ވީހާވެސް ކުލަގަދަކޮށް ފާހަގަކުރައްވުމަށް ނިންމަވާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން، އެމަނިކުފާނަކީ ދިވެހި ވަޠަނުގެ ދިފާޢުގައި ޤުރުބާންވެ ވަޑައިގަތް ސިފައިންނާއި އާންމުންގެ އަގު ވަޒަންކުރައްވާ ވެރިއެއް ސާބިތުވާކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ.
މިއަދު ނަސްރުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ. އެގޮތުން ތިނެެއް ނޮވެމްބަރުގެ ހަމަލާއާ ގުޅޭ ތަކެތި ދައްކުވައިދޭ މައުރަޒެއް ނެޝަނަލް އާޓް ގެލެރީގައި ހުޅުވައިފައިވެއެވެ.
އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން 12:00އަށް، މެންދުރު ފަހު 2:00އިން 6:00އަށް އަދި ރޭގަނޑު 8:00އިން 10:00އަށް އެ މަޢުރަޒު ޢާންމުކޮށް ހުޅުވައިފައި ހުންނާނެއެވެ.