ރާއްޖެއަށް އަތުވެދާނެ ނުރައްކަލަށް ދިވެހި ރައްޔިތުން އަބަދުވެސް ހޭލާ ތިބެންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރާއި ސްރީ ލަންކާގެ ތަމަޅައިގެން 80 ވަރަކަށް މީހުން 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު މާލެ އަރައި ވެރިކަން ބަދަލުކޮށް، ރާއްޖެ ހިފަން ދިން ހަމަލައިން ދިވެހިންނަށް ލިބުނު ކާމިޔާބީއަށް 36 އަހަރު ވުން ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މައުމޫން ވިދާޅުވީ ސިޔާސީ އޮއިވަރުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ އަށް ކުއްލި ނުރައްކަލެއް ކުރިމަތިވުމަކީ އަބަދުވެސް ވެދާނެ ކަމެއް ކަމަށާއި ދިވެހިން ތިބެން ޖެހޭނީ އެކަމަށް ހޭލާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ 3 ނޮވެމްބަރުގެ ޙާދިސާއިން ދިވެހިންނަށް ވަރަށް ގިނަ ފިލާވަޅުތައް ދަސްކޮށްދިން ކަމަށާއި ހާސިލްކޮށްދިން އިބްރަތްތައްވެސް އެހާމެ މުއްސަނދި ކަމަށެވެ. އަދި ނޮވެމްބަރު 3 ގެ ހާދިސާއާ މެދު ނަޒަރު ހިންގާލާއިރު، ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެތެރެއިން އެއް ކަމަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން، ނުގުޑާފަދަ އަޒުމަކާއެކު އަބަދުވެސް ހިފެހެއްޓުމުގެ މުހިންމުކަންކަމުގައި މައުމޫން ވިދާޅުވިއެވެ.
މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވަނީ ދުނިޔޭގެ ކަންތައްތައް ބަދަލުވަމުންދާ ގޮތުން ރާއްޖޭގެ ގައުމީ މަސްރަހަށާއި އަދި ޒަމާނާ އެކަށީގެންވާ ގޮތަކަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ބަދަލުވެގެން ދިޔަނަމަވެސް، ދިވެހި ގައުމީ ވަޙްދަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ ކަމަށާއި ސިޔާސީ ކަންކަމަށްވުރެ ޤައުމީ އުޞޫލުތަކަށް އިސްކަންދިނުމަށް ގޮވާލާފައެވެ.
މައުމޫން ވިދާޅުވީ، ރާއްޖެއަކީ ހަނގުރާމަ އަށް ތައްޔާރުވެފައި ނުވާ ގައުމަކަށް ވިޔަސް އަދި މާ ބާރުގަދަ ހަތިޔާރުތަކެއް ނޮވެމްބަރު 3 ވަނަ ދުވަހު ނެތަސް ދިވެހި ސިފައިން ހަނގުރާމަ ކުރަމުން އައީ ވަރަށް ގަދަ ހިތްވަރަކާ އެކު ކަމަށެވެ. އަދި ކުރި ހަނގުރާމާގައި ރާއްޖެ އަށް ނަސްރު ލިބުނީ މާތް ﷲ ގެ ހަޟްރަތުން ކަމަށާއި އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ. އެހެންވެ، އަމިއްލަ ސަލާމަތަށްޓަކައިވެސް އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހިތްތަކުގައި ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތަށް އޮންނަ އީމާންކަމާއި ލޯބި އިތުރުކުރަން ޖެހޭ،" މައުމޫން ވިދާޅުވި އެވެ.
މިޖަލްސާގައި ރައީސް މައުމޫނު ވަނީ އިންޑިޔާއަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ނޮވެމްބަރު 3 ވަނަ ދުވަހުގެ އުދުވާނީގައި ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެއްވީ އިންޑިއާއިންކަން ފާހަގަކުރައްވަމުން އެދުވަހު ދެއްވި އެހީތެރިކަަމަށްޓަކައި އިންޑިއާގެ ސަރުކާރަށާއި އިންޑިއާގެ ސިފައިންނަށް ރައީސް މައުމޫނު ވަނީ ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.
މިއީ ނަސްރު ދުވަހުގެ ކާމިޔާބީއަށްޓަކައި މުޅި ދިވެހި ގައުމު ފަހުރުވެރިވާ ކުރީގެ ރައީސް މައުމޫން މި ދުވަހުގެ ހަރަކާތެއްގައި މި ފަހުން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.