ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޫސާ އަލީ ޖަލީލަށް

ރާއްޖޭގެ ދިފާއުގައި ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށް، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް، ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މިރޭ އަރުވައިފި އެވެ.

ސިފައިންގެއަށް 32 އަހަރު ހިދުމަތްކުރެއްވުމަށް ފަހު، ފެބްރުއަރީ 9، 2012 ގައި ރިޓަޔާކުރެއްވި މޫސަ އަލީ ޖަލީލަށް މި ޢިއްޒަތް އެރުވީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރާއި ސްރީ ލަންކާގެ ތަމަޅައިގެން 80 ވަރަކަށް މީހުން 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު މާލެ އަރައި ވެރިކަން ބަދަލުކޮށް، ރާއްޖެ ހިފަން ދިން ހަމަލައިން ދިވެހިންނަށް ލިބުނު ކާމިޔާބީއަށް 36 އަހަރު ވުން ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

މި ޝަރަފު ޖަލީލަށް އަރުވާފައިވަނީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށް ޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާ ގުޅިގެންނެވެ. ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މިރޭ އަރުވާފައިވާއިރު ސިފައިންގެއަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ޖަލީލަށް މިހާތަނަށް ވަނީ 9 ކުލަ އަދި 11 މެޑަލް ދެއްވައިފަ އެވެ.

މޫސާ އަލީ ޖަލީލަކީ ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މޫސާ އަލީ ޖަލީލު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ ޖުލައި 3، 1980ގައެވެ. ރާއްޖޭގެ ވެރިކަން ބަދަލުކޮށްލަން ހަތިޔާރާ އެކު ޓެރަރިސްޓުންގެ ބަޔަކު ނޮވެމްބަރު 3، 1988 ގައި ހަމަލާދިން އިރު ޖަލީލު ހުންނެވީ ސިފައިންގެ މައި މަރުކަޒުގެ ޓާސްކް ފޯހުގެ ކޮމާންޑަރަކަށެވެ. ސިފައިންގޭގައި އޭނާ އެންމެ ފަހުން ހުންނެވީ ޗީފް އޮފް ޑިފެންސްގެ މަގާމުގަ އެވެ.

މޫސާ ޖަލީލަށް ލިބިވަޑައިގެންފައިވާ ބައެއް ކުލަތަކުގެ ތެރޭގައި އިޚްލާސްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚްލާގީ ކުލަ ހިމެނެއެވެ. މީގެއިތުރުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބައެއް މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ހުރަވީ ރަން މެޑެލް، ނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް އަދި ރައިސުލްޖުމްހޫރިއްޔާގެ މެޑެލް ހިމެނެއެވެ.

މޫސާ އަލީ ޖަލީލް ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ ފެބްރުއަރީ 8، 2012ގައެވެ.

advertisement
ހިޔާލު ދެއްވާ!