ޒަމާނުއްސުރެ އާސަންދަ ނިޒާމުގެ ތެރެއިން އަމިއްލަ ވިޔަފާރިތަކުން ނަގަމުން އައި ނާޖާއިޒް ފައިދާ ހުއްޓުވުމަށް މި ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ހަގީގަތާ ޚިލާފު ވާހަކަ ފަތުރަމުންދާތީ ސަރުކާރުން އެކަންކަން ހިނގަމުން އައި ގޮތް ހާމަކޮށްދީފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ ފައިދާގެ ބޭނުމަށް އާސަންދަ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބޭކަމީ ހަގީގަތެއް ކަމަށެވެ. އާންމު މީހަކު ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާ މެސެޖެއްގެ ފޮޓޯ ހިއްސާކުރައްވައި ހީނާ ވިދާޅުވީ "މިއީ ސޯޝަލް މީޑިއާގައި މި ދެތިން ދުވަހު ދައުރުވަމުންދާ މެސެޖެކެވެ. ފޮޓޯގައިވާ މެސެޖުގެ ހަގީގަތް ރައްޔިތުންނަށް އެނގުން މުހިއްމުކަމަށް ދެކެން. ހަގީހަތުގައި މިއީ، އާސަންދައިން ވިޔަފާރިކޮށް ނާޖާއިޒު ބޮޑެތި ފައިދާ ނަގައި އުޞޫލުތަކުން ބޭރުން ކަންކުރުމުގެ ލާމަސީލު މިސާލެއް" ކަމަށެވެ.

މި މެސެޖްގައި ބުނެފައިވާ ވާހަކަ ތަކުގެ ހަގީގަތް ހީނާ ވަނީ ހިއްސާ ކުރައްވައިފައެވެ. އެގޮތުން ހީނާ ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި:
* އާސަންދައިގެ ބޭހުގެ އަގު ރިވައިޒްކުރުމުގެ ތެރެއިން، އެންމެ ޚަރަދު ބޮޑު އެއް ބޭސްކަމުގައިވާ “Lucentis Injection” ގެ އަގު ޗެކްކުރުމުގެ ގޮތުން ލޮލުގެ ފަރުވާގެ ޚިދުމަތް ދޭ މި ފަރާތުން ބޭސް ގަންނަ އަގު ހޯދުމަށް އެދުމުން، ފޮނުވި އިންވޮއިސްތަކުން، މި ބޭސް އެ ފަރާތަށް ގަންނަން ލިބޭ އަގަށްވުރެ ބޮޑުތަނުން ބޮޑުކޮށް އާސަންދައަށް ބިލްކޮށްފައިވާކަން ފާހަގަކުރެވުނު. މިގޮތުން 500ރ މި ބޭސް ގެނެސް 23000 (ތޭވީސްހާސް) ރުފިޔާ އަށް އާސަންދަ އަށް ބިލްކޮށްފައިވޭ. މިއީ އަށާރަ ރުފިޔާގެ ރޭޓުން ޑޮލަރު ބެލިކަމުގައިވިޔަސް، އެންމެ އިންޖިކްޝަނަކުން 14،000 (ސާދަހާސް) ރުފިޔާގެ ފައިދާއެއް.
* މި ބޭސް އެތެރެކުރަން ރަޖިސްޓަރކޮށްފައިވަނީ މުޅިން އެހެން ކުންފުންޏަކުން. ނަމަވެސް އެ ފަރާތުން އެއްވެސް ވަރަކަށް މި ބޭސްއެތެރެކޮށްފައި ނުވޭ.
* ލޮލުގެ ފަރުވާގެ ޚިދުމަތްދޭ މި ފަރާތުން ބޭސްވިއްކާފައިވަނީ ބޭސް އެތެރެކުރުމަށް ރަޖިސްޓަރީނުކޮށް ޕްރިސްކްރިޕްޝަންއަށް. އެކަމަކު ސްކީމްގެ ތެރެއިން މިއިންޖެކްޝަނަށް އެންމެ ގިނައިން ބިލްކޮށްފައިވަނީ މި ފަރާތުން.
* މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިނުވާ އިންޖެކްޝަންއަކަށް ބިލުކޮށްފައިވުމާއި، އަގުގެ ބޮޑު ތަފާތަކުން ބޮޑު ފައިދާއެއް ނަގަމުންދިޔަ އިރު އެކަން އާސަންދަ ކުންފުންޏަށް ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް އަންގައިފައިނުވޭ.
ހީނާ ވިދާޅުވީ މިކަން ފާހަގަވީ އެބޭފުޅުން މި ކަމުގެ މަސައްކަތް ފަށައި، އާސަންދައިގެ ބޭހުގެ އަގު ރިވައިޒްކުރުމުގެ ތެރެއިން ކަމަށެވެ. އަދި މި ކަން ހުއްޓުވުމަށް ފިޔަވަޅު އަޅައި އެންސްޕާގެ ވެލްފެއާ އެހީގެ ދަށުން މިހާރުވެސް ކޮންޓްރޯލްޑް އަގެއްގައި ބޭނުންވާ ފަރާތްތަކަށް މި ބޭސް ހޯދުމަށް އެހީތެރިކަން ދެވެމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިކަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްވެސް ދަނީ ހިނގަމުން އަންނަ ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ "އެކި އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ ފައިދާގެ ބޭނުމަށް އާސަންދަ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބޭކަމީ ހަގީގަތެއް. މިހެން ދިމާވަނީ ޒަމާނުއްސުރެ މިނިޒާމްގެ ތެރޭގައި ހުރި މިފަދަ އެތައް މައްސަލައަކަށް އެޓެންޑް ނުކުރެވި، އެއް ނިޒާމް އަނެއް ނިޒާމާ ވާހަކަ ނުދެކެވި ބޮއްސުންލާން ދޫކޮށްލެވިފައި އޮތުމުގެ ސަބަބުން. ރައީސްގެ ލަފާފުޅުގެ ދަށުން، ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން އެކަން ބަދަލުކޮށް އިސްލާޙު ކުރާނަން." ކަމަށެވެ.