މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިދިޔަ ހަފްތާގައި ދިން ނޫސްވެރިކަމުގެ އެވޯޑުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަތައް ބަލަން ފަށައިފިއެވެ.
އޭސީސީއަށް ހުށަހަޅާފައިވަނީ އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީގެ މައްސަލައެވެ.
މީޑިއާ ކައުންސިލުގެ ޖަޖުންގެ ޕެނަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެވޯޑު ދީފައިވަނީ އެވޯޑުގެ އުސޫލުތަކާއި މަގުސަދުތަކާ ޚިލާފަށް ކަމަށެވެ. އަދި އެ ޑޮކިއުމެންޓްރީއަކީ ދިވެހި މީޑިއާގެ އަޚްލާގީ މިންގަނޑާ ޚިލާފު އުފެއްދުމެއްކަން 28 ސެޕްޓެމްބަރ 2023 ގައި އެ ކައުންސިލުން ނެރުނު ބަޔާނުން ވެސް އެނގެން އޮތްއިރު، އެ އުފެއްދުން ބަލައިގަނެ، ފަނޑިޔާރުންގެ މޭޒާ ހިސާބަށް ގެންގޮސް ނޮމިނޭޓުކޮށްފައިވަނީ އެމްއެމްސީން ބަލަންވާ ވަރަށް ނުބަލާ ކަމަށެވެ. އަދި ބަލައިގަތުމުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އޭސީސީއަށް ހުށަހެޅި މި މައްސަލަ އެ ކޮމިޝަނުން މިހާރު ވަނީ ތަޙްޤީޤުކުރަން ފަށާފައެވެ. އެގޮތުން އެ ކޮމިޝަނުގެ އިންވެސްޓިގޭޓިވް ޓީމުން މިއަދު އެމްއެމްސީގެ އޮފީހަށް ވަދެ ކަމާގުޅޭ ލިޔެކިޔުންތައް ވަނީ ހޯދާފައެވެ.
ސްކީލާން ޑޮކިއުމެންޓްރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމައާ ގުޅުވައި އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ. އެ ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ރައީސްގެ ފަރާތުން ދޮގުކޮށްފައިވާއިރު، އޭގައި ރައީސްގެ ބަހެއް ހިމަނާފައި ނުވުމުން ވެސް އެމަނިކުފާނުގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން އެ އެވޯޑް ޙަފްލާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ޕޮލިސީއާ ޚިލާފު މަންޒަރުތަކެއް، ޗެނަލަށް ނާންގާ މީޑިއާ ކައުންސިލުން ދައްކައިފައިވާ ކަމަށް ބުނެ އެ މީޑިޔާ އިން ވަނީ މީޑިޔާ ކައުންސިލާއި ދެކޮޅަށް ބަޔާނެއްވެސް ނެރެފައެވެ.