ރާއްޖެއިން ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިކޮޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މި އެއްބަސްވުމަކީ މިދިޔަ ނޮވެމްބަރު މަހު ރައީސް، ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް، ރަޖަބު ތައްޔިބު އުރުދުއާންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމަށްޓަކައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
ތުރުކީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޯމާ ބޮލަޓް އެވެ.
މިއަދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއިތަށް ލިބި ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަވެ އަދި ވިޔަފާރިތައް ވެސް އިތުރުކުރެވި ރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ބަޔާނުގައިވެއެވެ.