ހުޅުމާލެއިން ބަނގުރާ ދަޅުތަކެއް ފެނި އެތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ލަކުޑި ޖެޓީ ކައިރީގައިހުރި ދަބަސްތަކެއް ބަަލައިފާސްކޮށް ބަނގުރާ ދަޅުތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ލަކުޑި ޖެޓީ ކައިރީގައި ހަވާލުވާނެ މީހަކު ނެތް ދަބަސްތަކެއް ހުރިކަމަށް ނޮވެމްބަރު 3 ވަނަ ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް އެ ދަބަސްތައް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި މި ދަބަސްތައް ބަލައިފާސްކުރިއިރު، 228 (ދުއިސައްތަ އަށާވީސް) ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.