ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން – މާލެ، (ސީއެޗްއެސްއީ) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
2023 ވަނަ އަހަރުގެ އޮގަސްޓުމަހު ބޭނުންކުރުން ހުއްޓާލާފައިވާ ސީއެޗްއެސްއީ- މާލޭގައި ރަސްމީކޮށް އަލުން ހުޅުވައިދެއްވާފައި މިވަނީ އެ ސްކޫލުގެ ޢިމާރާތުގެ އާބާތުރަފިލުވުމަށްފަހު، ސެޕްޓެމްބަރު 1 ން ފެށިގެން ކިޔަވައިދެމުން ދަނިކޮށްކަން ފާހަގަ ކުރެވެއެވެ.
މަތީ ޘާނަވީއަށް ކިޔަވައިދިނުމަށް ޚާއްޞަކޮށްފައިވާ ސަރުކާރުގެ ހަމައެކަނި ސުކޫލް، ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލު ކުރުމުން މާލޭގައި ދިރިއުޅޭ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކުރިމަތިވި ތަކުލީފުތައް ދަރިވަރުން ވަނީ މިރޭގެ ޙަފްލާގައި އޮތް ސްޓޭޖް އައިޓަމެއްގައި ހުށަހަޅައިދީފައެވެ.
މިރޭގެ ރަސްމިއްޔާތުގައި، ސީއެޗްއެސްއީގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ ފަސް ދަރިވަރެއްގެ ބައިވެރިވުމާއެކު ބޭއްވި "ޤައުމުގެ މުސްތަޤުބަލާމެދު ދަރިވަރުންގެ އުންމީދު" ފޯރަމް ބައްލަވާލައްވާފައެވެ.
ސީ.އެޗް.އެސް.އީ.އަށް 45 އަހަރު ފުރުމާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މަތީ ޘާނަވީއަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ މަތީ ޘާނަވީއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުޞަތުތައް ސަރުކާރުން އިތުރުކުރެއްވުމަށް މަަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވާފައެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން މާލޭގައި މިރޭ އަލުން ހުޅުވިގެންދާއިރު މި ސްކޫލުގައި މިހާރު 424 ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން އެންމެ ފުރަތަމަ ހުޅުވާފައިވަނީ 3 ޖުލައި 1979 ވަނަ އަހަރުގައެވެ.