ޤަޢުމީ ޚިދުމަތުގެ ނިޒާމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތަޢާރަފްކުރެވުނު ވަރަށް މުހިއްމު ޕްރޮގްރާމެއް: ޝިފާން

ޤަޢުމީ ޚިދުމަތުގެ ނިޒާމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތަޢާރަފްކުރެވުނު ވަރަށް މުހިއްމު ޕްރޮގްރާމެއްކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާން ވިދާޅުވީ ރަސްމީ ނިޒާމެއްގެ ތެރެއިން ޒުވާނުންނަށް އަޅާލުމެއް ނުލިބުމުގެ ސަބަބުން ދައުލަތަށް ބުރަ އުފުލަންޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިގްތިޞާދީގޮތުންނާއި އިޖްތިމާއީ ގޮތުން ގައުމަށް ގެއްލުން ލިބޭ ކަމަށެވެ. އެހެންނަމަވެސް، ޤަޢުމީ ޚިދުމަތުގެ ނިޒާމުގެ ސަބަބުން ދައުލަތުން އުފުލަން ޖެހޭ ބުރައާއި ގެއްލުންތަކުން މިންޖުވެ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ޝިފާން އިޝާރާތް ކުރެއްވީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ނަޞްރުގެ ދުވަހުގެ ޖަލްސާގައި އިޢްލާންކުރެއްވި ޤައުމީ ޚިދްމަތުގެ ނިޒާމަށެވެ. އެ ޕްރޮގްރާމްގެ ތެރެއިން ސާނަވީ ތަޢުލީމު ނިންމުމަށްފަހު އެކި ސަބަބުތައް މެދުވެރިވެގެން ތަޢުލީމީ ޙަޔާތް ކުރިއަށް ގެންދެވެން ނެތް، އަދި ވަޒީފާގެ ފުރުޞަތުވެސް ތަނަވަސްވެފައި ނެތް، 16 އަހަރުން މަތީގެ ދިވެހި ދަރީން، ދިވެހި ޢަސްކަރިއްޔާ ނުވަތަ ފުލުހުންގެ ޚިދުމަތަށް ރެކްރޫޓް ކުރެވޭނެއެވެ.

މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކުވެސް އޯލެވެލް ސަނަދު ފުރިހަމަ ކުރުމަށްފަހު އެއަށްވުރެ މަތީ ފާހަކަށް ނުކިޔެވި، ނުވަތަ ވަޒީފާއެއް ނެތިފައި ތިބުމަށް 500 އާއި 1000 އާއި ދެމެދުގެ އަދަދެއްގެ ކުދިންނަށް މަޖުބޫރުވާ ކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ސަބަބުން އެކަން ބަދަލުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޖަލްސާގައި ވިދާޅުވެފައެވެ.

ޝިފާންގެ ޕޯސްޓްގައި ޝިފާންވެސް ވަނީ ކިޔެވުމުގެ ކުރިމަގެއް ފަހިވެފައި ނެތް އަދި ވަޒީފާގެ ފުރުޞަތެއް ލިބިފައި ނުވާ ޙާލަތުގައި ތިބޭ ޒުވާނުން ކުށަށް ހުށަހެޅޭކަން ތަފާސްހިސާބުން ޔަޤީން ކޮށްދޭ ކަމަށް ވިދާޅުވެފައެވެ. އަދި ބޯހިމެނުމުގެ އަދަދުތައް ބުނާގޮތުން 24-15 ދެމެދު އަހަރުގެ އުނގެނުމުގެ ފުރުޞަތުނެތް އަދި ވަޒީފާއެއްގައި ޝާމިލް ނުވާ ގާތްގަޑަކަށް 15 އިންސައްތަ ޒުވާނުން ރާއްޖޭގައި ދިރިއުޅޭކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޢަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމަށްޓަކައި ޤާނޫނުން ބާރު ލިބިގެން ހިންގާނެ ޕްރޮގްރާމެކެވެ.  އެގޮތުން 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދަޢުލަތުގެ ބަޖެޓުގައި ނިއު ޕޮލިސީ އިނިޝިއޭޓިވްސް (އެންޕީއައި)ގެ ތެރެއިން 400 މިލިއަން ރުފިޔާ، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ވަނީ ޚާއްޞަކޮށްފައެވެ. އަދި ކޮންމެ އަހަރަކު، އިތުރު 400 މިލިއަން ރުފިޔާ އެ ޕްރޮގްރާމަށް އިތުރު ކުރެވޭނެކަމަށް މަޢުލޫމާތު ލިބެއެވެ.

advertisement
ހިޔާލު ދެއްވާ!