ޓްރާންސްޕޯޓް މިނިސްޓްރީން މިހާތަނަށް ދޫކޮށްފައިހުރި ޑޮމައިންތަކުގެ ހުއްދަ އައުކުރުމަށް ފުރުސަތު މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ، ޑޮމައިން ވިއްކުމުގެ ކަންކަން މީގެ ކުރިން މިނިސްޓްރީ އޮފީހުގެ ތެރެއިން ކުރިއަށްގެންދިޔަ ނަމަވެސް މީގެ ފަހުން ޑޮމައިން ވިއްކުން ކުރިއަށްގެންދާނީ ބީލަމުގެ އުސޫލުން ކަމަށެވެ.
މިނިސްޓަރު ވަނީ މިހާތަނަށް ދޫކޮށްފައިވާ ޑޮމައިންތަކުގެ ރަޖިސްޓްރީ އަލުން ދޫކުރާގޮތަށް ނިންމައި، ހުރިހާ ޑޮމައިންތައް އައުކުރުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލާނޭކަމަށް ވިދާޅުވެފައެވެ. ޑޮމައިން އަލުން ރަޖިސްޓްރީކުރުމަށް ހުށަހެޅުމުން 60 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރެވޭނޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އައު ޑޮމައިން ނަމްބަރުތައް ދޫކުރުމަށް ނިންމާފައިވަނީ ބިޑްކުރާ ގޮތަށް ދެފުއްފެންނަ އުސޫލަކުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދުބާއީފަދަ ގައުމުތަކުގައިވެސް ޑޮމައިން ނަމްބަރު ވިއްކުމުގެ ކަންކަން ކުރިއަށްގެންދަނީ ވާދަވެރި ގޮތަކަށް ބީލަމުގެ އުސޫލުން ކަމަށެވެ. އަދި މިހާތަނަށް ޑޮމައިން ވިއްކުމުގެ އުސޫލު ކުރިއަށްގެންގޮސްފައި ހުރީ އުސޫލާ ހިލާފަށް ކަމަށާއި، ބައެއް ޑޮމައިންތައް ދޫކުރި މީހުންގެ ނަންވެސް އިދާރާގެ ރެކޯޑްތަކުގައި ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މީގެ ކުރިން ވަނީ ރާއްޖޭގައި ބޭނުންކުރަމުންގެންދާ ވެހިކަލްތަކުގެ ޑޮމައިން ނަމްބަރުތަކުގެ ތެރެއިން 700 އެއްހާ ޑޮމައިން ނަމްބަރުގެ އަސްލު ނޭނގޭ ކަމަށެވެ. ރާއްޖޭގައި 1200 އެއްހާ ޑޮމައިން ނަންބަރު ގެންގުޅޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ލަފާކުރެއެވެ.