"ޤައުމީ ދިރާސާ ކައުންސިލް"ގެ ނަމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މެދުވެރިކޮށް ކައުންސިލެއް އެކުލަވާލައި، އެ ކައުންސިލަށް މެމްބަރުން ޢައްޔަނު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު އެ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ދިރާސާ ކައުންސިލްގެ މެންބަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓްރީގެ ޕީއޭ އާއިޝަތު ޙިކްމާއެވެ.
ޤައުމީ ދިރާސާ ކައުންސިލަށް ޖުމްލަ 9 މެންބަރުން ވަނީ އައްޔަންކުރެވިފައެވެ. އެ މެންބަރުންނަކީ:
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވޮލޮޕްމެންޓް އައްޔަނު ކުރައްވާ ފަރާތް: (ކައުންސިލް ޗެއަރ) ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޢު
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވޮލޮޕްމެންޓް ތަމްސީލް ކުރައްވާ ފަރާތް: ޑެޕިއުޓީ މިނިސްޓަރ އާމިނަތު ޝަޝީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ތަމްސީލް ކުރައްވާ ފަރާތެއް: ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ރަޙީމާ ޢަބްދުއްރަޙީމް
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ތަމްސީލް ކުރައްވާ ފަރާތެއް: އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ވިޝާލް މޫސާ
ދިވެހިރާއްޖޭގެ ދިރާސާކުރުމުގެ ދާއިރާގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވާ މުއައްސަސާއެއް ތަމްސީލު ކުރައްވާނެ ފަރާތެއް: ސީޑީއީ ކޮންސަލްޓިން އިންޖީނިއަރ ޑރ. ނަޝްވާން މަތީން
ދިވެހިރާއްޖޭގެ ދިރާސާކުރުމުގެ ދާއިރާގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވާ މުއައްސަސާއެއް ތަމްސީލު ކުރައްވާނެ ފަރާތެއް: މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ މުޙައްމަދު ޝިމާލް
އުފެއްދުންތެރި އީޖާދީ މަސައްކަތް ކުރާ މުއައްސަސާއެއް ތަމްސީލު ކުރައްވާނެ ފަރާތެއް: ލޮޓީ ފައިލްސްގެ އިންޖީނިއަރިންގ މެނޭޖަރ އޮފް އާރު އެންޑް ޑީ، ނާއިލް ޢަބްދުއްރަޙްމާނު
އަމިއްލަ ކޮލެޖެއް ތަމްސީލު ކުރާނެ ފަރާތެއް: ވިލާ ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަރ ޑރ. މުޙައްމަދު އާދިލް
މާލީ ވުޒާރާ ތަމްސީލު ކުރައްވާނެ ފަރާތެއް: މާލީ ވުޒާރާގެ ޗީފް އެކައުންޓްސް އެގްޒެކެޓިވް، މުޙައްމަދު މާއިޒް މުނާޒް.
މި ކައުންސިލަކީ ދިވެހިރާއްޖޭގައި ޢިލްމީ ދިރާސަކުރުމާއި، އޭގެ އަލީގައި ފިކުރީމުދާ އުފެއްދުމުގެ މަސައްކަތްތަށް ހިންގައި ބެލެހެއްޓުމަށް އެކުލަވައިލާ ކައުންސިލެކެވެ. މި ކައުންސިލްގެ މެމްބަރުންނަކީ "ޤައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމަށް އައްޔަންކުރެވިފައިވާ މެމްބަރުންނެވެ. އެބޭފުޅުންގެ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، ފަންޑުން ޚަރަދުކޮއްގެން ދިރާސާކުރާނެ ދާއިރާތަށް ކަނޑައެޅުމާއި، އެ ދާއިރާތަކަށް ކަނޑައެޅުމުގެ އުޞޫލުތައް ކަނޑައެޅުމާއި، ފަންޑުން ފައިސާ ދޫކުރާނެ ހަމަތަކެއް ޤާޢިމްކޮށް، އެ ހަމަތަށް ތަންފީޒުކުރުން ހިމެނެއެވެ.
ޤައުމީ ދިރާސާ ކައުންސިލް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީޒު، އެ މަނިކުފާނުގެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގާއި ވެވަޑައިނެވި ވަޢުދުފުޅެކެވެ.