ޢަރަބިއްޔާ ސުކޫލްގެ މަސައްކަތް ނުފެށި ލަސްވީ އަށްޑިހަ މިލިއަން ރުފިޔާ ސަލާމަތް ކުރަންވެގެން ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢު ވިދާޅުވެއްޖެއެވެ.
ޢަރަބިއްޔާ ސުކޫލްގެ އައު ޢިމާރާތުގެ މަސައްކަތާއި ބެހޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބުރާހީމް ނާޒިލް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އެމަނިކުފާނާ ސުވާލު ކުރައްވައިފައެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ޢަރަބިއްޔާ ސުކޫލް ޢިމާރާތް ކުރުމަށް ހަމަޖައްސާފައި ވަނީ ބައު ޖަމާލުއްދީނު ހުރި ބިންކަމަށާ ނަމަވެސް އެ ސުކޫލްގެ ބެލެނިވެރިންގެ އެދުމުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަނގަޅު ސަރަޙައްދަކުން ތަނަވަސް ބިމެއް ހަމަޖައްސަވާދެއްވާފައި ކަމަށެވެ.
ވަޒީރު ވިދާޅުވީ ކުރީގެ ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރެވި ޒަމާނީ ފެންވަރަށް ޢަރަބިއްޔާ ސުކޫލް އެޅުމަށް ސްކޯޕަށް ގެނައި ބަދަލުތަކާއިއެކު އަގުތައް ލިބުނު ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރަން ޖެހުނީ ކުރީގެ އަގަށްވުރެ 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޮޑުކޮށް ކަމަށެވެ. އެ އަގުގައި މަސައްކަތް ކުރިއަށް ގެންދަން ނިންމި ނަމަ މަސައްކަތް މުއްދަތުގައި ފެށުނީސް ކަމަށާ ނަމަވެސް އެ އަގުގައި މަސައްކަތް ކުރަން ސަރުކާރުން ބޭނުން ނުވީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ މަސައްކަތް ލަސް ކުރުމަކީ ރައްޔިތުންގެ ފައިސާއިން 80 މިލިއަން ރުފިޔާ ސަލާމަތް ކުރުމަށް ކުރެއްވި ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާ އެކަން ސުކޫލްގެ ބެލެނިވެރިންނާ ވެސް ޙިއްޞާ ކުރައްވާފައިވާ ކަމަށެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ޢަރަބިއްޔާ ސުކޫލްގެ އައު ޢިމާރާތުގެ މަސައްކަތް ފެށުމަށް ހިމަނާފައިވެއެވެ. ދައުރު ނިމުމުގެ ކުރިން ޢަރަބިއްޔާ ސުކޫލްގެ އައު ޢިމާރާތް ނިންމަވާނެ ކަމަށް އޭރުގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެ، އައު ޢިމާރާތް އެޅުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކޮށްފައިވަނީ ބައު ޖަމާލުއްދީނު ހުރި ބިމުގައެވެ. މި ސަރުކާރުން އެ ޢިމާރާތް އަޅަން ނިންމާފައިވަނީ މާލޭގެ 381 ނަންބަރު ކޮށީގައެވެ.