ލިއޯ ކުންފުންޏާއި ޕޮލިޓެކްނިކުން އިންޓާންޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

ލިއޯ ކުންފުނީގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި ދެފަރާތް ގުޅިގެން އިތުރު ކަންކަން ރާވާ ހިންގުމުގެ މަޤްޞަދުގައި ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، މޯލްޑިވިސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ އިދާރާގެ ސީއީއޯ، ޒޫޝާން ކަމާލުއްދީނެވެ. އަދި ލިއޯ ޓްރޭޑިންގ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، މިފްޒާލް މުޙައްމަދެވެ.

ލިއޯ ކުންފުންޏާއި ޕޮލިޓެކްނިކާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން، ޕޮލިޓެކްނިކުން އިންތިޒާމްކުރާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގެ ބައިވެރިންނަށް ލިއޯ ކުންފުނިން ތިލަފުށީގައި ހިންގަމުންދާ ސްޓޯރާއި ވެއަރހައުސްއާއި ވޯރކްޝޮޕާއި ޑޮކްޔާރޑްގައި ޢަމަލީ މަސައްކަތް ކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.

ލިއޯ ކުންފުނިން ޕޮލިޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ލިއޯ ކުންފުނިން ދަނީ ޒަމާނީ ވަޞީލަތްތަކާއެކު ތިލަފުށީގައި އިންޑަސްޓްރިއަލް ވޯރކްޝޮޕެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ލިއޯގެ ޕާރޓްނަރ ބްރޭންޑްތަކުގެ ޓެކްނިކަލް ލައިސަންސް ދޫކުރެވޭ ފެންވަރުގެ ޓްރެއިނިންގ އިންސްޓިޓިއުޓެއްވެސް ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ލިއޯއިން ބުނެއެވެ.

މި ޤާއިމުކުރެވުނު އެއްބަސްވުމުގެ ދަށުން، މި ޤާއިމުކުރެވޭ ވޯރކްޝޮޕްގައި މަސައްކަތްކުރާނެ ދިވެހިން އުފެއްދުމަށްޓަކައި ޕޮލިޓެކްނިކާ ގުޅިގެން މަސައްކަތްކުރާނެއެވެ. އަދި އެ ފެސިލިޓީގައި ކުރިޔަށް ގެންދެވިދާނެ ކޯސްތަކާ ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމަށްވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.

ލިއޯ ކުންފުނިން މަޢުލޫމާތުދޭ ގޮތުގައި، ތިލަފުށީގައި ހަދާ ޓްރެއިނިންގ ފެސިލިޓީއަކީ ރާއްޖޭގައި އަމިއްލަ ފަރާތަކުން ހަދާ އެންމެ ބޮޑު ޓްރޭނިންގ ފެސިލިޓީއެވެ. އަދި މި ފެސިލިޓީގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެކޮމޮޑޭޝަންގެ ގޮތުގައި "ލިއޯ ހޯމް" ވެސް އެ ފެސިލިޓީގައި ޤާއިމުކުރާނެއެވެ.

 

advertisement
ހިޔާލު ދެއްވާ!