މީހުން ދިރިއުޅޭ ހުރިހާ ރަށުގައި އޭޓީއެމް ބެހެއްޓުމުގެ ޕްރޮގްރާމް ރައީސް ފަށްޓަވައިދެއްވައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ އަހަރު ނިމެންވާއިރަށް އޭޓީއެމް ބަހައްޓައި ނިންމުމަށް, ސަރުކާރުން ބީއެމްއެލް އާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސީއީއޯ މުހައްމަދު ޝަރީފެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދެވެ.

މި އެއްބަސްވުމުގެ ދަށުން އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލުން އޭޓީއެމް ބަހައްޓައި ނިންމަންޖެހެއެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށުގައި އޭޓީއެމް ބެހެއްޓުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހުކުރެވިގެންދިޔައިރު، އެންމެ ފުރަތަމަ މި މަސައްކަތް ފެށި ރަށަކީ އދ. އޮމަދޫ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށުގައި އޭޓީއެމް ބެހެއްޓުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެކެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ޕްރޮގްރާމް ކުރިއަށްދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ މާޗްމަހުގެ ކުރިން ނިންމުމަށް އަމާޒުހިފާފައިވާއިރު އެހާތަނަށް މީހުން ދިރިއުޅޭ 17 ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމާނޭކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ރަށްރަށުގައި ބެހެއްޓުމަށް ބޭނުންވާ އޭޓީއެމްތައް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.ޝަރީފް ވިދާޅުވީ އެ 17 ރަށުގައި އޭޓީއެމް ބެހެއްޓުމަށްފަހު ބާކީ ރަށްތަކުގައި އަހަރު ނިމުމުގެ ކުރިން އޭޓިއެމް ބަހައްޓައި ނިންމާނޭކަމަށެވެ. ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިހާތަނަށް 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިގްތިސާދީ ވަޒީރު، މުހައްމަދު ސައީދު ވިދާޅުވީ، މާލީ ކަންކަމުގައި ރައްޔިތުންނާ ގާތުން ފަސޭހަ ގޮތެއްގައި ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަންކަން ކަމަށެވެ. އެކަންކަން ހާސިލްކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ރައީސްގެ އިރުޝާދުގެ ދަށުން މިހާރުވެސް ގިނަ އަދަދެއްގެ ބައްދަލުވުންތައް ބާއްވާފައިވާކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ހެޔޮ ނަތީޖާތައްވެސް ފެންނަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!