ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ރައީސް ޔާމީން ފޮޓޯ. އެމްއެންއެން

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަވައި ރައީސް ޔާމީންގެ ސުވާލެއް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ޖަލަށް ނުލާނެތޯ؟

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

’ރާއްޖެ ޓީވީ’އަށް ދެއްކި އިންޓަވިއުއެއްގައި އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޔާމީން، އެންމެ ފުރަތަމަ ވަނީ، އެ އިންތިޚާބު އަންނަން ވާއިރު އެމަނިކުފާނު ޖަލަށް ނުލައި ހުންނާނެ ކަމާމެދު ސުވާލު އުފުއްދަވާފައެވެ. އެހެންވެ، އިންތިޚާބާ މެދު އެއްޗެއް ވިދާޅުވާން ނޭނގޭ ކަމަށް ރައީސް ޔާމީން ފުރަތަމަ ވިދާޅުވިއެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ޖަލަށް ނުލާނެތޯ؟ ދެން ހިސާބަށް ދިޔައީމަ ދެއްތޯ؟ ހުރިހާ އެންމެން މި މަސައްކަތް ކުރަނީ އަޅުގަނޑު ޖަލަށްލާން. އަޅުގަނޑު މިއުޅެނީ އަޅުގަނޑުގެ ޝަރީޢަތްތައް ނުނިމިގެން. ޝަރީއަތްތައް ނުހިނގާ ނޫންތޯ. މަޑުޖެހިފައި ނޫންތޯ އެހުރީ؟ " ރައީސް ޔާމީން ވިދާޅުވިއެވެ.

މިއާއެކު، ޖަލުން ސަލާމަތްވެ، ހުރިހާ ކަމެއް ރަނގަޅަށް ހުރި ނަމަ ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނުވަނީ، މިހާރުވެސް ހުންނެވީ ޖަލުން މިނިވަންވެ ވަޑައިގެން ކަމަށާ، އެކަން ”ނުބައިވާންޖެހޭ އެއްވެސް ސަބަބެއް ނެތް“ ކަމަށް ވިދާޅުވެފައެވެ.

"އަދީބަކީ އަޅުގަނޑާ ދެކޮޅަށް ހެކިބަސްދޭ މީހާ. އޭނާ އަކީ މުރުއްވަތްތެރިކަން ގެއްލުފައި، އޭނާ އަކީ ފާސިގެއް ކަމަށް ސްޕްރީމް ކޯޓާއި ހުރިހާ ކޯޓަކުން ކަނޑައަޅާފައި އޮތީ. އޭނާ ދައްކާ ވާހަކަ އިތުރު ހެއްކަކާނުލައި ބަލައި ނުގަންނާށޭ..“ ރައީސް ޔާމީން ވިދާޅުވިއެވެ.

”800 އަހަރުގެ ހުކުމް އަންނަވަރުގެ މައްސަލައޭ ހުރީ ކިޔާފައި މިހާރު ކޮބައިތޯ [ކުރީގެ ނައިބު ރައީސް އަހުމަދު] އަދީބު؟ އަދީބަށްވުރެ ގިނަ ދުވަހު އަޅުގަނޑު އޮތިން ޖަލުގައި،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެކަމަކު، ޖަލަށް ވަޑައިގަންނަވަން ނުޖެހި، ސަލާމަތުން ހުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށާއި އެ ކަމާ މެދު ޝައްކެއް ވެސް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ޝައްކެއް ވެސް ނެތް [2028 ގައި ވާދަކުރާނަން،]. އަޅުގަނޑު ކުރިމަތިލަނީ ވެރިކަން ބޭނުން ވެގެނެއް ނޫން. އަޅުގަނޑު ކުރިމަތިލުމުގެ އޮތީ މައިގަނޑު ތިން ކަމެއް. އެންމެ ބޮޑު ކަމަކީ ފޯޅަވަހި ކަނޑުގެ ސަރަހައްދު ހޯދުމާއި، ހޯދޭ ކަމަށް ވައްޏާ ފޯޅަވަހި ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުން. މި ސަރުކާރަށް އެއް އަހަރު ވެގެން ދިޔައީ. އިޓްލޮސް އަކަށް ނެތް ސިޓީއެއް ފޮނުވާފައެއް. ކުރީގައި ނިންމާފައި އޮތް ނިންމުމަށް ތިމަންނަމެން އިހްތިޖާޖު ކުރަމޭ، ކުރީގައި ނިންމާފައި އޮތް ނިންމިން ނިންމާފައި އެ އޮތީ ރައީސުލްޖުމްހޫރިއްޔާ އަމިއްލައަށް ނިންމަވާފައޭ. ރައްޔިތުންގެ މަޖިލީހަށްވެސް ނުގެންދަވާ ނިންމާފަ އޮތީ. އެއީ ޣައިރު ގާނޫނީ ނިންމުމެއް. އެވަރު ބަޔާން ކޮށްލާފައި އިޓްލޮސްއަށް ސިޓީއެއް ފޮނުވަން ނުކެރިގެން މިއުޅެނީ“ ރައީސް ޔާމީން ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ. އެ މަނިކުފާނު ތުހުމަތުކުރައްވާ ގޮތުގައި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލި ކަމަށް ބުނި ނަމަވެސް، އަދިވެސް ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިއްބެވެ.

"މި ދެ ކަންތައް ހައްލުކުރުމަށްޓަކައި ވެސް އަޅުގަނޑު ބޭނުންވޭ ޚިދުމަތުގެ ފުރުސަތެއް ލިބުން. އަޅުގަނޑު ގަބޫލެއް ނުކުރަން ދެން ވަޑައިގަންނަވާ އެއްވެސް ބޭފުޅަކު މިކަން ކުރައްވާނެ ކަމަކަށް. މި ވަގުތު ތިބި ހުރިހާ ލީޑަރުންނަކީ ކޮމްޕްރޮމައިޒްޑް ލީޑަރުން އެނގޭތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ވެރިކަމަށް އަންނަން ރައްޔިތުން ގާތުގައި ވައުދާއި އަހުދުވާ ކަމަށާއި އެކަމަކު ވެރިކަން ލިބުމުން ކަންތައް ކުރައްވަނީ މުޅިން އެހެން ގޮތަކަށް ކަމަށެވެ. އެހެންވެ، ރައްޔިތުން މި ސަރުކާރާ ދޭތެރޭގައި ވެސް ހިތްހަމަނުޖެހޭ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންގެ ސާމްޕަލްއެއް ނަންގަވާ. މި ވަގުތު 10 މީހުން ނެގިޔަސް، 10 މީހުންގެ ތެރެއިން 10 މީހުން ބުނާނެ ތިމަންނަމެން މިހާރު މި ހިނގާ ސަރުކާރުން މި ކުރާ ކަންކަމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން ބޭނުންވަނީ ހަމަޖެހިގެން ދިރިއުޅެވޭނެ ވެއްޓެއް ކަމަށާ، އެ ކަމެއް ދިވެހިރާއްޖޭގައި ނެތް ކަމަށެވެ.

”އެހާ އުނދަގޫ، އެ މީހަކަށް ލިބޭ ލާރިކޮޅުން ދެކޮޅުޖައްސަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

މިއާއެކު ޔާމީން ވިދާޅުވީ، ވެރިކަން ބޭނުންވާ ތިންވަނަ ސަބަބަކީ ރައްޔިތުންނަށް އިގުތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެ. އަދި އެ ތިން ކަންތައް ހާސިލުކުރުމުގެ އުންމީދުގައި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!