ކައިވެންޏާއި ވަރިއާ ގުޅުން ހުރި ކަންކަން ކޯޓުގައި ރަޖިސްޓްރީކޮށް ބެލެހެއްޓުމަކީ މި ޒަމާނުގައި ކުރުން ވާޖިބުކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ވަރިކުރުމާއި ޢިއްދައާ ގުޅޭގޮތުން ރާއްޖޭގެ މިސްކިތްތަކުގައި ދެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވަނީ ކައިވެންޏާއި ވަރީގެ ޝަރްޢީ ޙުކުމްތަކެއް ކަނޑައެޅިފައިވާ އިރު، އެ ކަންކަން ބެލެހެއްޓުމާއި، ޢާއިލާތަކުގެ ޙައްޤުތައް ރައްކައުތެރިކުރުމަށް ޓަކައި، ދައުލަތުން ހަދައިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށެވެ. އެގޮތުން، ކޯޓުތަކުގައި ކައިވެންޏާއި ވަރިއާ ގުޅުން ހުރި ކަންކަން ރަޖިސްޓްރީކޮށް، ބެލެހެއްޓުމަކީ މި ޒަމާނުގައި ކުރުން ވާޖިބުވެގެންވާ ކަމެއްކަމަށާއި، އެ ކަންކަން އެ ގޮތަށް ނުބެލެހެއްޓިއްޖެ ނަމަ ތަރިކައިން ވާރުތަވުން ފަދަ ޙައްޤުތަކުން، ދެމަފިރީންނާއި ދަރީން މަޙްރޫމުވެދާނެކަމަށެވެ. އަދި އޭގެ ސަބަބުން އިޖުތިމާޢީ އެތަކެއް މައްސަލަތަކެއް އުފަންވުމުގެ ބިރު އޮތުމުން، اَلْمَصَالِحُ الْمُرْسَلَة ގެ ޤަވާޢިދުގެ ދަށުން ކައިވެންޏާއި، ވަރީގެ ކަންކަމުގައި، ހެދިފައިވާ ޤާނޫނުތަކާއި، ޤަވާޢިދުތަކަށް ތަބަޢަވާންޖެހޭނެ ކަމަށެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ވަރިއަކީ، ވަކިވުމާއި އަލްވަދާޢު އޭގައި ހިމެނޭ ބަހެއްކަމަށާއި، އިިސްލާމީ ޝަރީޢަތުގައި ވަރިއަކީ، އެ ކަމުގައި ފިޤްހީ އެތައް ޙުކުމެއް ހިމެނޭ، އެ ކަންކަމުގައި ސަމާސާކުރުން ހިމެނޭ ކަންކަމެއް ނޫންކަމަށެވެ. ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްކަމަށްވާ، (ثَلَاثٌ جِدُّهُنَّ جِدٌّ، وَهَزْلُـهُنَّ جِدٌّ: اَلنِّكَاحُ، وَالطَّلَاقُ، وَالرَّجْعَةُ) އަށް އިޝާރާތްކޮށް ޚުޠުބާގައި ބުނީ ތިން ބަހެއް ގަސްތަކާލައިގެން ނުވަތަ ސަމާސާއަކަށް ބުނިކަމުގައި ވިޔަސް އެ ކަންކަމުގެ ޙުކުމް ހިނގާނެކަމަށާއި އެއީ ކައިވެނިކުރުމާއި، ވަރިކުރުމާއި ކައިވެނި ރުޖޫޢަކުރުންކަމަށެވެ. އަދި ޝަރުޢީ ސަބަބަކާ ލައިގެން މެނުވީ، އަނބީން އެ ކަނބަލުންގެ ފިރީންގެ ގާތުން ވަރިވާން އެދުމަކީ، އިސްލާމްދީނުގައި ނަހީކުރައްވައިފައިވާ ކަމެއްކަމަށާއި، ޙައްޤަކާ ނުލައި، ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވާކަމަށެވެ.
އަދި ވަރީގެ މައިގަނޑު ދެ ބާވަތެއް ވާކަމަށާއި، އެއީ ރަޖުޢީ ވަރިއާއި ބާއިނު ވަރިކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ. އެގޮތުން ރަޖުޢީ ވަރިއަކީ، ފުރަތަމަ ފަހަރާއި، ދެވަނަ ފަހަރު ކުރާ ވަރީގެ ޢިއްދައިގެ ތެރޭގައި، ފިރިމީހާ އޭނާގެ އަނބިމީހާ ރުޖޫޢަކުރިކަމަށް ބުނުމުން އަނބިމީހާ ރުޖޫޢަކުރެވޭ ވަރިކަމަށާއި، ބާއިނު ވަރިއަކީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ވަރީގެ ޢިއްދަ ހަމަވުމާއި، ތިންފަށް ވަރިއާއި ޚުލްޢު ވަރިކަމަށާއި، ބާއިނު ވަރިއަކުން އަނބިމީހާ ވަރިކޮށްފި ނަމަ ކައިވެނި ރުޖޫޢައެއް ނުކުރެވޭނެކަންވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޙުކުމުގެ ގޮތުން ވަރި ބެހެނީ ދެބައަކަށްކަމަށާއި، އެއީ ސުންނީވަރިއާއި ބިދުޢީވަރިކަމަށާއި،ސުންނީވަރިއަކީ، އަނބިމީހާ ބަލިވެއިންދައި، ނުވަތަ ޖިމާޢުވެފައިނުވާ ޠުހުރެއްގައި، ޞަރީޙަ ޢިބާރާތުން، ވަރިކޮށްފީމޭ ބުނެ ވަރިކުރުންކަމަށާއި، އަނބިމީހާ ޙައިޟުގެ ތެރޭގައި ވަރިކުރުމާއި، ޖިމާޢުވެފައިވާ ޠުހުރެއްގައި ބަލިވެއިންކަން ނުވަތަ ނޫންކަން ނޭނގޭ ޙާލުގައި ވަރިކުރުމާއި، އެއްފަހަރާ ތިންފަށްވަރިއަކުން ވަރިކުރުމަކީ ބިދުޢީ ވަރިކަމަށާއި، ބިދުޢީ ވަރިއަކީ ސުންނަތާ ޚިލާފު ވަރިއެއްކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
ވަރިކުރުން ހުއްދަވާ ސަބަބުތަކަށް އިޝާރާތްކުރަމުން ޚުޠުބާގައި ބުނީ، އަނބިމީހާގެ އަޚްލާޤު ނުބައިވުމާއި، ޒަވާޖީ ޙަޔާތުގެ އިންތަކުން ބޭރުވުމާއި، ﷲގެ އަމުރުފުޅުތަކަށް ފަރުވާ ކުޑަކުރުމުން ވަރިކުރުން ހުއްދަވާނެކަމަށާއި، ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ޙަޔާތް ވޭތުނުކުރެވޭނެކަން ކަށަވަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުން ކަމަށެވެ. އަދި ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ޙައްޤުތައް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ޚުލްޢުކުރުމަށް ހުށަހެޅުން ހުއްދަވާނެކަމަށާއި އެ ފަދަ ޙާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރައި ދޭން ޖެހޭނެކަމަށެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ފުރަތަމަ ވަރިއާއި ދެވަނަ ވަރީގެ ޢިއްދައިގެ ތެރޭގައި، އަނބިމީހާ އިންނާން ޖެހޭނީ ފިރިމީހާގެ ހިޔާވަހިކަމުގެ ދަށުގައިކަމަށާއި، އެއީ އެ ޙާލަތުގައި ފިރިމީހާއަށް ކައިވެނި ރުޖޫޢަކުރުމުގެ ޙައްޤު އޮންނާތީކަމަށެވެ. މިކަމުން އަންގައިދެނީ ޒަވާޖީ ޙަޔާތް ދެމެހެއްޓުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރުކަމަށާއި، މަޞްލަޙަތު ހުރި ގޮތަކީ، އެއީކަމުގައި ވަނީ ނަމަ، ޢިއްދައިގައި އަނބިމީހާ އިންނަ އިރު، އަނބިމީހާ ރުޖޫޢަކުރުމުގެ ޙައްޤު އޭނާގެ ފިރިމީހާއަށް ލިބިގެންވާކަމަށެވެ. އަދި ޢިއްދައިގެ މުއްދަތުގައި ފިރިމީހާ އޭނާގެ އަނބިމީހާ ދިރިއުޅޭނެ ތަނަކާއި ޚަރަދުބަރަދު ދޭން ޖެހޭނެކަމަށާއި، އަނބިމީހާ ފިރިމީހާއަށް ކިޔަމަންގަންނަން ޖެހޭނެކަމަށާއި ޢިއްދައިގެ މުއްދަތުގައި އެކަކު ނިޔާވެއްޖެ ނަމަ އަނެކާއަށް ވާރުތަމުދަލުން ބައި ލިބޭނެކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.