ގޭންގު ކުށްތަކަށް ނިމުމެއް ގެނައުމަށްޓަކައި ގާނޫނުތައް އިސްލާހުކޮށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ކަމަށް ހޯމްލޭންޑު މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
އިޙްސާން މިފަދައިން ވިދާޅުވީ ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާ 9 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްގައި ރަހީނުކޮށްގެން ގެންގުނު ދިވެއްސަކު ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަނަށްފަހު މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައެވެ. މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ސަރުކާރަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި ގޭންގު ކުށްތައް އިތުރުވެގެން ދިޔައީ ގާނޫނުތަކުގައި ހުރި ދޯހަޅި ބައެއް ކަންތައްތަކާ ހުރެކަމަށެވެ. އެގޮތުން، ރާއްޖޭގައި ގާނޫނުތައް ހެދިގެން އައިއިރު ކުށްކުރާ ފަރާތަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އަދި ކުށްކުރާ ފަރާތްތައް ސަލާމަތްކުރުމަށްޓަކައި ހެދެން އޮތް ހުރިހާ ގާނޫނެއް ހަދާފައި އެބަހުރިކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ވެސް ކުށުގެ މާހައުލު އޮތް މިންވަރުން ފުލުހުންނަށް ކަންކަން ކުރެވޭނެ ވަރަށް ގާނޫނުގެ ތެރެއިން ލިބެން ޖެހޭ ބާރާއި ހަތިޔާރު ހުރި ކަމަށެވެ. ނަމަވެސް ބައެއް ގާނޫނުތައް ހުރި ގޮތުން ވަރަށް ފަސޭހަ ކަމާއެކު ކުށްކުރާ މީހުން ދޫވެގެންދާ ކަމަށް އިޙްސާން ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ގައުމުގައި ތަންކޮޅެއް ފުޅާވެފަހެން މިއޮތީ. އެ ވީވީނުން ގޮސް ތަކުރާރުކޮށް އެންމެންގެ ލޯމަތީގައި ކުށްކުރާ މީހާ ވެސް ކުޑަކުޑަ އިދާރީ ކުށެކޭ ކިޔާފައި ނުވަތަ ނަގަންޖެހޭ ދިމާލަކުން ނުނެގުމުގެ ފިޔަވަޅެކޭ ކިޔާފައި އެމީހާ ކުށްނުކުރާ ކަމަށް ހަދާފައި އެ މީހާ މުޖުތަމައުގެ ތެރެއަށް އެބަ ދޫވޭ." އިހުސާން ވިދާޅުވި އެވެ.
ފުލުހުން ރޭ ހިންގި އޮޕަރޭޝަންގައި ރަހީނުކޮށްގެން ގެންގުޅުނު މީހާ ވަނީ ސަލާމަތްކޮށްފައެވެ. އަދި 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.