މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރުގެ ޙައިސިއްޔަތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އާއި ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް (ސީއޭއައި) އާ ދެމެދު ފްރޭމްވަރކް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ރައީސް ޑރ މުޢިއްޒުގެ ތަޞައްވުރާ އެއްގޮތްވާ ގޮތުގެމަތިން، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
އެމްއައިޑީއެފްޒެޑް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ. އަދި ސީއޭއައި ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ޓަން ކުން ޗީއާއޯ ޖޯޖް އެވެ.
އެމްއައިޑީއެފްޒެޑް އަކީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ހަރުދަނާކުރުމަށް ބޭނުންވާ މުހިއްމު މަޝްރޫޢުތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވުމަށް، ސަރުކާރުގެ ފަސްކުންފުންޏެއްގެ ޙިއްސާ ހިމެނޭހެން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އުފައްދާފައިވާ ކުންފުންޏެކެވެ. މި މަޝްރޫޢުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރައްކާކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން އިސްނަގައިގެން ކުރިޔަށް ގެންދާ މަޝްރޫޢުތައްވެސް ލީޑްކުރާނީ އެމްއައިޑީއެފްޒެޑް އިންނެވެ.
ސިންގަޕޫރުގައި ފަންޑު މެނޭޖްކުރުމުގެ ލައިސަންސް ލިބިފައިވާ ސީއޭއައި އަކީ ޖުމްލަ 1.3 ބިލިއަން ޑޮލަރުގެ އެސެޓް މެނޭޖްކުރަމުންދާ ކުންފުންޏެކެވެ. މި ފްރޭމްވާރކް އެއްބަސްވުމުގެ ދަށުން، އިހަވަންދިއްޕޮޅު ސަރަޙައްދު ވިޔަފާރިއާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލުކުރުމަށް ރާވާފައިވާ ޕްލޭނާއެއްގޮތަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްޤީކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެއެވެ.