މައްކާގެ ވަޤުފު މުއައްސަސާއަކުން ތަނަވަސްކޮށްދިން ތަމްރީން ފުރުޞަތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 22 އަންހެން މުވައްޒަފުން ސައުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.
މި ދަތުރުގައި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި ޢިލްމީ ވާރކްޝޮޕެއްގައި މި މެމްބަރުން ބައިވެރިވާނެއެވެ. އަދި މައްކާގެ ތާރީޚީ ޙަޟާރަތު ދައްކުވައިދޭ ތަންތަނަށާއި، ދީނީ އަދި އިޖުތިމާޢީ ޚިދްމަތްދޭ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު ޑރ ޝަހީމް ވަނީ މުވައްޒަފުން މި ދަތުރަށް ފުރުމުގެ ކުރިން އެ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. އަދި ދަތުރުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށާއި ލިބިލައްވާ ތަމްރީންތަކުގެ ބޭނުން ޢަމަލީ މައިދާނުގައި ހިއްޕެވުމަށް ނަސޭހަތްތެރިވެލެއްވިއެވެ.
މިއީ ވުޒާރާގެ މުވައްޒަފުންގެ ފެންވަރު މަތިކޮށް، އިތުރު ތަމްރީންތައް ހޯދައިދިނުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެ ވުޒާރާއަށް ތަނަވަސްވި ފުރުޞަތެއްގައި ކުރިޔަށް ގެންދާ ދަތުރެކެވެ. އަދި މި ދަތުރަކީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ޚަރަދެއް ކުރާގޮތަށް އިންތިޒާމް ކޮށްފައިވާ ދަތުރެއް ނޫނެވެ.
މިދަތުރުގައި މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި ދަތުރުގެ ކަންކަން ވިލަރެސްކުރުމަށް އެ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ވުޒާރާގެ ނާއިބު އަލްއުސްތާޛާ ޙައްވާ ލަޠީފެވެ.