މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން އޭގެ ތެރެއިން ހަތް މީހަކަށް ހަތް ދުވަސް އަދި ފަސް މީހަކަށް ފަސް ދުވަސް ޖަހައިފައިވާ ކަމަށެވެ.
އެ މީހުންނާއި އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ދިވެހި ޒުވާން ފިރިހެނަކު ރަހީނުކޮށް އޭނާގެ ބޯ ބާލައި ހަދާފައިވަނީ ހިޔާ ޓަވަރުތަކުގެ ތެރެއިން 9 ވަނަ ޓަވަރުގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމެންޓުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި މައްސަލާގައި ފުލުހުން ބުނީ މީހަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން، އެ މީހާ ސަލާމަތް ކުރަން ދިޔައިރު އެ މީހާއަށް ބިރު ދައްކައި، އޭނާގެ ބޯ ބާލައިފައިވާ ކަމަށެވެ.
އަދި އެޕާޓްމެންޓުގެ ދޮރު ވައްޓާލައިފައި ފުލުހުންނަށް އެތެރެއަށް ވަދެވުނީ، ރަހީނުކުރި މީހާގެ އިނގިލި ބުރިކޮށްލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
މި އޮޕަރޭޝަން ބައްލަވައިލެއްވުމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙުސާންގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާ އަދި ފުލުހުންގެ އިސްވެރިން ބައިވެރިވިކަން ފާހަގަ ކުރެވެއެވެ.
މި މައްސަލައާއި ގުޅިގެން އިޙުސާން ވިދާޅުވީ އިޖުތިމާޢީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ބައެއް ފުލެޓުތަކާއި އެ ނޫންވެސް ތަންތަން ތަކުރާރުކޮށް ކުށްކުރާ ތަންތަނުގެ ގޮތުގައި ބޭނުންކުރާކަން ފާހަގަވާ ކަމަށާއި، އެފަދަ ތަންތަން ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ދައުލަތަށް ނެގޭނެ ގޮތެއް ހަމަޖައްސަން މަސައްކަތް ފަށްޓަވާނެ ކަމަށެވެ.