ފައިލް ފޮޓޯ: އިމިގްރޭޝަން

ވިސާ ނެތި, ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 13 ބިދޭސީން ހައްޔަރުކޮށްފި!

ސައްޙަ ވިސާއެއް ނެތި ޤަވާޢިދާ ޚިލާފަށް އުޅެމުންދިއަ 13 ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް މިމަހުގެ 06 ވަނަ ދުވަހު ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝަންގައި މާލޭގައި ބިދޭސީން ދިރިއުޅެމުންދިއަ 02 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.

އަދި އެތަންތަނުން ސައްޙަ ވިސާއެއް ނެތި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 13 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ޤަވާޢިދާ ޚިލާފަށް ރާޢްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު ޤަވާޢިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަ މަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ޝަމްޢާން ވަޙީދު ވިދާޅުވެފައިވަނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ވެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މިގޮތުން ފެއްޓެވި ޚާއްޞަ އޮޕަރޭޝަނަކީ މި މައްސަލަ ޙައްލުކުރުމަށް އެޅުނު އެންމެ މުހިއްމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ޝަމްޢާން ފާހަގަކުރެއްވިއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 4428 ބިދޭސީން މި ސަރުކާރުން ވަނީ ޑީޕޯޓުކޮށްފައެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!