ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން އަރބަން ސެންޓަރުގެ ގޮތުގައި ރަށްތައް ތަރައްޤީކުރާނީ، ރައްޔިތުނާއި މުއައްސަސާތަކާއި ކަމާގުޅޭ ތަޖުރިބާކާރުންގެ ބައިވެރިވުމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތިން މިއަދު ވަނީ ރާއްޖޭގައި އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތައް ކަނޑައަޅުއްވައި އެ ސެންޓަރުތައް ތަރައްޤީކުރުމަށް 7 ރަށެއްގެ ނަން އިއުލާނުކުރައްވާފައެވެ.
މިކަމާއި ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ސަރުކާރުގެ އެ ސިޔާސަތަށް ވަރަށްބޮޑަށް ފާޑުކިޔައި އެއީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
އެކި ގޮތްގޮތަށް މިކަމާ ގުޅިގެން ހަގީގަތާ ޚިލާފު ވާހަކަ ސިޔާސީ ފަރާތްތަކުން ދައްކަވުމުދާކަން ފާހަގަކުރައްވައި ރައީސް ޑރ.މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސެންޓަރުގެ ގޮތުގައި ސަރުކާރުން ކަނޑައެޅި ރަށްތައް ތަރައްގީކުރާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ އަރބަން ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތަކީ ކުރިޔަށް އޮތް 20 އަހަރު ދުވަހަށް އެކަށައަޅާ ތަރައްޤީގެ މާސްޓަރޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ޤަސްދުކުރާ ކަމަށެވެ.
"މެނިފެސްޓޯގައި (ޗެޕްޓަރ 4، ނަންބަރު 12، 13 އަދި 14 ގައި) ވަރަށް ސާފުކޮށް ބަޔާންކޮށް އަދި މެނިފެސްޓޯ ލޯންޗްކުރި ޖަލްސާއިން ފެށިގެން މިއަދާ ހަމަޔަށް އެތައް ޖަލްސާއެއްގައި އަޅުގަނޑު ބަޔާންކޮށްފައިވާ ފަދައިން، ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން މާލެ އަރބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ޚިދްމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ 3 އަތޮޅު ހިމެނޭހެން ނޮރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭހެން ސަރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީ ކުރުން އަދި އޭގެ އިތުރަށް 7 އަރބަން ސެންޓަރު (މާލެއިން އުތުރުން 3، މާލެއިން ދެކުނުން 4) ތަރައްޤީ ކުރުން އެއީ ސަރުކާރުގެ ސިޔާސަތު، އަދި މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްޤީގެ މާސްޓަރޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ޤަސްދުކުރާ ކަންކަން. ކަންކަމުގެ ހަގީގަތް ނުބައްލަވާ، ނުވަތަ ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުން." ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތައް ކަނޑައަޅައި މިއަދު އިއުލާން ކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ހަތް ރަށެވެ. އެ ރަށްތަކަކީ:
1) ރ. އުނގޫފާރު
2) ބ. އޭދަފުށި
3) ޅ. ނައިފަރު
4) އދ. މަހިބަދޫ
5) ފ. ނިލަންދޫ
6) ދ. ކުޑަހުވަދޫ
7) ލ. ފޮނަދޫ