ޢަރަބި މަޝްހޫރު ޅެންވެރިޔެއް ކަމުގައި ވާ އަބޫ ތައްމާމުގެ ޅެން ބައިތެއް ބުނާގޮތުގައި "ގަބުމީހަކީ އޭނާގެ ގައުމުގެ ސާހިބެއް ނޫނެވެ. އެހެނަސް ގައުމުގެ ސާހިބަކަށް ވާނީ ގަބުކަމަށް ހެދިގެން އުޅޭމީހާއެވެ."
އަލްއިމާމު އަޙްމަދާ ބެހޭގޮތުން ޢުޘްމާން ބުން ޒާއިދާ ވިދާޅުވިއެވެ. ((އަޙްމަދު ބިން ޙަންބަލާ އަހުރެން ވާހަކަދެއްކީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދުޅަހެޔޮކަން ދިހަ ބަޔަކަށް ބެހިގެންވެއެވެ. އެއީ މުޅިން ވެސް ގަބުކަމަށް ހެދިގެން އުޅުމުގައި ވާ ކަންތައްތަކެކެވެ.))
މީސްތަކުންގެ އުނި ސިފަތަކާއި ޢައިބުތަކާ މެދު ހަނުހުރުމަކީ ބޮޑުންގެ އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. އެކަމުގައި އުނި ސިފަތަކުން ނަފްސު ރައްކައުތެރިކޮށްދިނުމާއި މުޖްތަމަޢު ފިތުނަފަސާދައިން ރައްކައުތެރިކުރުން ވެއެވެ.
އުންމަތްތަކުގެ ތާރީޚުގެ ފަތްފުށްތަކަށް ބަލާލުމުން ފެންނަނީ އެމީހުންގެ ކިބައިގައި ގަބުކަން ދެއްކުމުގެ ސިފަ ލިބިގެންނުވާ މީހުން ގައުމުގައި ބޮޑުންނަށް ވެފައިނުވާ ތަނެވެ. މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އިބްނުލްއަޘީރު، އިސްލާމީ މަޝްހޫރު ޒަޢީމު އަދި ކޮމާންޑަރު ޞަލާޙުއްދީނުލް އައްޔޫބީ ސިފަކުރައްވަމުން ވިދާޅުވެފައިވެއެވެ. ((މާތްﷲ ރަޙްމަތްލެއްވި ޞަލާޙުއްދީނަކީ އަޚްލާޤު ރިވެތި ކޯފާމަޑު ބޭފުޅެކެވެ. ވަރަށް ހިތްތިރި ބޭފުޅެކެވެ. ރުހިވަޑައިނުގަންނަވާ ކަންތައްތަކަށް ކެތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ އެކުވެރީންގެ ކުށްތަކާމެދު ގަނބުކަން ދައްކަވާ އިސްވާރެކެވެ. އެއިން ބޭފުޅެއްގެ ފުށުން އޭނާ ނަފްރަތު ކުރައްވާ ވާހަކައެއް އިވިވަޑައިގަތަސް އެކަމެއްް ނުދައްކަވާނެތެވެ. އަދި އެކަމާ ހެދި އޭނާޔާ މުޢާމަލާތު ކުރައްވާ ގޮތަށްވެސް ބަދަލު ނުގެންނަވާނެތެވެ. ))
މިއީ ބޮޑުންގެ އަޚްލާޤުގެ އިޝާރާތްކޮޅެކެވެ. މިއީ އަޅާގެ އިސްލާމްވަންތަކަމުގެ ރިވެތިކަމުގެ ޢަލާމާތެކެވެ. ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (من حُسنِ إسلامِ المرءِ تركُهُ ما لا يعنيهِ[1]– މީހާގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރޭގައި އެމީހާއާ ނުބެހޭ ކަންތަކާ ބެހުން ދޫކޮށްލުން ވެއެވެ.))
މީހުން ފަޟީޙަތްކޮށް ބޭޒާރުކުރަން އުޅޭ މީހުންނަކީ ވަރަށް ނުރައްކާތެރި ބައެކެވެ. އެއީ އެކަމުގައި ހަލާކާއި ގެއްލުން އޮތް ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((من تَتَبَّعَ عورةَ أخيه تَتَبَّعَ اللهُ عورَتَهُ، ومن تَتَبَّعَ اللهُ عورَتَه يَفضَحْهُ ولو في جَوفِ بَيتِهِ[2] – އޭނާގެ އަޚާގެ ޢައިބުތަކާއި އުނި ސިފަތައް ހޯދަން ފަސްފަހަތުންދާ މީހާގެ އުނިސިފަތަކާއި ޢައިބުތައް ﷲ ހޯއްދަވާނެތެވެ. ﷲ އެމީހެއްގެ އުނިސިފަތައް ހޯއްދަވައިފި މީހަކު އޭނާގެ ގޭގެ އެންމެ އެތެރޭގައި އޮތަސް ފަޟީޙަތް ކުރައްވައި ބޭޒާރުކުރައްވާނެތެވެ.))
ރަސޫލާ صلى الله عليه وسلم ގެ އެހެން ބަސްފުޅެއްގައިވެއެވެ. ((إِنَّكَ إِنِ اتَّبَعْتَ عَوْرَاتِ النَّاسِ أَفْسَدْتَهُمْ، أَوْ كِدْتَ أَنْ تُفْسِدَهُمْ [3]– ހަމަކަށަވަރުން ތިބާ އެހެން މީހުންގެ އުނިސިފަތައް ހޯދުމަށް އެމީހުންގެ ފަސްފަހަތުން ހިނގައްޖެނަމަ ތިބާ އެމީހުން ފާސިދުކޮށްފިއެވެ. ނުވަތަ ތިބާ އެމީހުން ފާސިދުކުރުމާ ގާތްވެއްޖެއެވެ.))
މި ބަސްފުޅުން އެނގެނީ މީސްތަކުންގެ ފަސްފަހަތުން ގޮސް އެމީހުންގެ އުނި ސިފަތައް ހޯދައި ބޭޒާރުކޮށް މީސްމީޑިއާގައި ހާމަކުރާ މީހުންނަކީ އެންމެ ނުބައި މީހުންކަމެވެ. މާތްﷲ ރުއްސުންލެއްވި އިމާމު މާލިކު ވިދާޅުވިއެވެ. "މަދީނާ މީހުންގެ ކިބައިގައި ޢައިބެއްނެތް ދުވަސްވަރެއް މަ ދުށީމެވެ. އެއަށްފަހު މީސްތަކުން އެކަކު އަނެކަކަށް ޢައިބު ކިޔަން ފަށައިފިއެވެ. އެކަމުގެ ސަބަބުން އެމީހުންގެ ޢައިބުތައް ގިނަވެގެންދިޔައެވެ. ހަމައެފަދައިން ޢައިބުތައް ގިނަ ބަޔަކު ވެސް މަ ދުށީމެވެ. އެބައިމީހުން މީހުންނަށް ޢައިބުކިޔުން ހުއްޓައިލިއެވެ. ފަހެ އެމީހުންގެ އުނިސިފަތައް ހަނދުމަނެތިވެގެން ދިޔައެވެ."
ޙަވާލާ:
[1] – أخرجه الترمذي (٢٣١٧)، وابن ماجه (٣٩٧٦)
[2] – أخرجه أبو يعلى (١٦٧٥)والبيهقي في ((شعب الإيمان)) (١١١٩٦) والطبراني في ((المعجم الأوسط)) (٣٧٧٨)
[3] – سنن أبي داود (7/ 250 )