4،000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާ ތެރޭ އިއުލާނު ކުރަނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގެ ތެރޭގައި އިއުލާނުކުރައްވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓަށް އެދި ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4،000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާންކުރާނެކަމަށެވެ. އަދި ވަގުތީ ލިސްޓް އާންމުކުރުމަށް ފަހުގައި ޝަކުވާއަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމަށްފަހު މި އަހަރުގެ ތެރޭގައި ފްލެޓްތައް ހައްގުވެރިންނަށް ހަވާލުކުރެވޭނެކަމަށެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ދިވެހި ސަރުކާރަށް ދީގެންނެވެ. މިއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.

މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. މިއީ ޖާގަ ތަނަވަސް އެޕާޓްމެންޓްތަކަށް ވާއިރު، އެފްޑީސީން ވިދާޅުވީ އާންމުންނަށް ފެލްޓްތައް ހަވާލުކޮށް، މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކޮންމެ އިމާރާތެއްގަައިވެސް އަސާސީ ހިދުމަތްތަައް ލިބޭނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!