ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫންކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި، ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރަންޖެހޭ ކަމަށެވެ.
ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު ދެ ޖިންސްގެ މީހުން ވާދަކުރާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް އައްޑޫގައި ކުރިޔަށް އެބަދެއެވެ. އެ މުބާރާތުގެ އެންމެ ފަހުގެ އިވެންޓް އޮންނާނީ މާދަމާ އެވެ.
އަންހެނުންނާއި ފިރިހެނުން ހަށީގަނޑުގެ ބޮޑުބައެއް ހާމަކޮށްގެން މިފަދަ މުބާރާތެއް ބާއްވާތީ އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަން ހުއްޓުވައި، އެ މުބާރާތް ރާވާ ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ސޯޝަލް މީޑިއާގައި ދަނީ އަޑުއުފުލަމުންނެވެ.