ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު

ބޮޑީ ބިލްޑިންގ އިވެންޓް މައްސަލާގައި ދައުލަތުން މާފަށް އެދެންޖެހޭ ކަމަށް ޒައިދު ވިދާޅުވެއްޖެ!

ބޮޑީ ބިލްޑިންގ އިވެންޓް ރާއްޖޭގައި ބޭއްވި މައްސަލާގައި ދައުލަތުން މާފަށް އެދެންޖެހޭ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މި މައްސަލައާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ޝައިޚް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލާގައި ދައުލަތުން މާފަށް އެދެންޖެހޭ ކަމަށެވެ.

ޒައިދު ވިދާޅުވީ، މިސް ޔުނިވާސް ކަންތަކުގައި ދައުލަތުން ބަސްބުނެ އެކަމަށް އިންކާރުކޮށް ބަޔާން ނެރެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއާއި ވިދިގެން ހަމަ ދައުލަތުގެ މިނިސްޓްރީއަކުން ޢަމަލު ކުރީ މުޅިން އިދިކޮޅަށް ކަމަށް ވެސް ޒައިދު ވިދާޅުވެފައިވެއެވެ.

"އަދި މި ބޮޑީބިލްޑިން އޮރިޔާން އިވެންޓެއް އެބޭއްވީވެސް އައްޑޫގައި! އަންހެނުން 2 ޕީސްގައި. ފިރިހެނުން ރޮދި ޖަންގިޔަލުގައި! މިއީ ކޮންފަދަ ނުބައި ޢަމަލެއް! އަދި ފެށީ ޤުރްއާނުން! ނުބައިގެ މައްޗަށް ނުބައި! އަޢޫޒު ބިއްލާހި!" ޝައިޚްގެ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވެފައިވެއެވެ.

މި އިވެންޓާއި ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫންކަމަށާ ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރަންޖެހޭ ކަމަށެވެ.

ދެ ޖިންސު މަސްހުނި ކޮށްގެން އައްޑޫ ރިސޯޓެއް ކަމުގައިވާ ކެނެރީފްގައި، 15 ވަނަ ވޯލްޑް ބޮޑީ ބިލްޑިންގ މުބާރާތް ބޭއްވި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް(ބީބީއޭއެމް) އިން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ. އެ ޖަމްޢިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިކަން ބާއްވާފައިވަނީ އާންމުން ދިރިނޫޅޭ ބައިނަލްއަޤުވާމީ ޓޫރިސްޓުން އައިސް އެމީހުންގެ ދިރިއުޅުގެ ވައްޓަފާޅިއާ އެއްގޮތަށް އުޅެވޭ ގޮތަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ހިންގުމަށް ހުއްދަދީފައިވާ ކެނެރީފް ޒިސޯޓުގައި ކަމަށެެވެ.

ބޮޑީ ބިލްޑިންގ އެސޯސިއޭޝަނުން ބުނީ އެ މުބާރާތަކީ ވަރަށް ދުރާލާ މަސައްކަތް ކޮށްގެން އެހެން ޤައުމުތަކާއި ވާދަކޮށްގެން ރާއްޖޭގައި ބޭއްވުމަށް ލިބިފައިވާ ފުރުސަތެއް ކަމަށާ އަދި މި މުބާރާތް ބޭއްވުމަށް ކޮންޓްރެކްޓް ހެދުމަށްފަހު ރާއްޖޭގައި ނުބާއްވަން ނިންމައިފިނަމަ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި ޖުމްލަކޮށް ރާއްޖެއަށް މާލީ ގޮތުންނާއި އެހެން ގޮތް ގޮތުން ލިބިދާނެ ގެއްލުމަކަށް ވިސްނުމަށްފަހު މުބާރާތް ބާއްވަން ނިންމީ ކަމަށެވެ.

ވޯލްޑް ބޮޑީ ބިލްޑިންގ 15 ވަނަ މުބާރާތް މިހާރު ރާއްޖޭގައި ކުރިއަށްދާއިރު، ދީނީ ޢިލްމުވެރިންގެ އިތުރުން އާންމު ރައްޔިތުންގެ ގިނަ ބަޔަކު މިކަމާ ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ނިމޭނީ މާދަމާއެވެ.

advertisement
ހިޔާލު ދެއްވާ!