ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އިތުރަށް މަސައްކަތްކުރުމަށް ރާއްޖެއިން އިލްތިމާސްކޮށްފި!

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އިތުރަށް މަސައްކަތްކުރުމަށް ރާއްޖެއިން އިލްތިމާސްކޮށްފިއެވެ.

މިކަމަށް އެދިވަޑައިގެންފައިވަނީ ސައުދީ ޢަރަބިއްޔާގެ ރިޔާދުގައި މި ނޮވެމްބަރު މަހުގެ 11 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓް" އަށް ތައްޔާރުވުމުގެ ގޮތުން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި، ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްއެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު ދެއްވި ތަޤްރީރުގައި، އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްޠީނަށް ދެމުންގެންދާ ޙަމަލާތަކާއި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާ އަނިޔާތަކަށް ލުޔެއް ލިބިފައިނުވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ އަނިޔާތަކުން އަރައިގަތުމަށް އެހީވުމަކީ މުޅި އިސްލާމީ އުންމަތުގެ ޒިންމާއެއްކަމުގައި ފާހަގަކުރައްވައި، މި މަގުގައި ޢަމަލީ މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

އަދި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހިންގަމުންގެންދާ ޢަމަލުތައް ކުއްވެރިކޮށް ވަކި ޤައުމެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށްވެސް ގޮވާލެއްވިއެވެ. އަދި އ.ދ. ގެ ސަލާމަތީ މަޖިލިސް އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ފަދަ ޕްލެޓްފޯމްތަކުގައި އިސްރާއީލް ޖަވާބްދާރީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވައި، އިސްލާމީ ޤައުމުތަކާއެކު ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ފަސްނުޖެހެނޭ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރިން ފަލަސްޠީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްޠީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޓްރާއޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓަކީ ސައުދީއަރަބިއްޔާގެ ސަރުކާރާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި ލީގް އޮފް އަރަބް ސްޓޭޓްސް އާ ގުޅިގެން ފަލަސްޠީން އަދި ލުބްނާނަށް އިސްރާއީލުން ދެމުން ގެންދާ ޙަމަލާތަކަށް ޙައްލެއް ހޯދުމަށް މަޝްވަރާކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެކެވެ.

advertisement
ހިޔާލު ދެއްވާ!