ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިންއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އަރުވައިފިއެވެ.
ޑރ. ޒާހިރު ޙުސައިންއަށް ތަޢުލީމީ ރޮނގުގެ އެންމެ މަތިވެރި ޝަރަފް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިންއަށް މި ޝަރަފް އަރުވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، ރާއްޖޭގެ ތަޢުލީމީ ތަރައްޤީ އަށާއި ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާސްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ވުޒާރާ ދިގު މުއްދަތަކަށް ހިންގެވި ކުރީގެ ތަޢުލީމީ ވަޒީރު ޑރ. ޒާހިރު ޙުސައިންއަކީ ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ކަމަށްވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ވެސް ދައުލަތުން އަރުވާފައިވާ ބޭފުޅެކެވެ.
މިރޭގެ ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް އޮންނާނެއެވެ. މި އަހަރު އިނާމު ލިބިވަޑައިގަންނަވަނީ 40 ބޭފުޅުންނަށެވެ.