ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވާނެކަމަށް ވެވަޑައިގެންނެވި ވަޢުދު ހަނދުމަފުޅު އެބަހުރި: ރައީސް

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުގެ މަތިން ހަނދުމަފުޅު ނުނެތޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވަން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ވެވަޑައިގެންނެވި ވައުދު މަތިން ހަނދުމަފުޅު ނުނެތޭކަމަށާއި އެވައުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށެވެ.

"ހެޔޮވެރިކަމެއްގައި ޖުޑިޝަރީއަކަށް ނުފޫޒެއް ނުފޯރުވާނެ. ހަމައެއްވެސް މީހަކަށް ހުކުމެއް ކުރުމަކަށް ނުފޫޒެއް ނުފޯރުވާނަން. އަޅުގަނޑު ވައުދުވިން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނާނެކަމަށް. އަޅުގަނޑު މިމަގާމާއި ހަވާލުވެ ރައްޔިތުންނާއި ވާހަކަދެއްކެވިއިރު އަޅުގަނޑު އިއުލާންކުރިން މިރާއްޖޭގެ ސަރުކާރުން ޝަރުއީ ދާއިރާއަކަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށް. އަދި ކުރިއަށް އޮތްތަނުގައި ވެސް ނުފޯރުވާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރީގައި ކޮންމެވެސް ވަރަކަށް އެކަން އޮތީ އެގޮތަށް ފެނިފައި ކަމަށާއި، އެކި ގޮތްގޮތުން ފްރޭމް ކޮށްގެން ނުވަތަ އެހެން ގޮތްގޮތުންވެސް އަނިޔާވެރިކަމާއެކީގައި ސިޔާސީ ވާދަވެރިން ގެންގޮސް ޖަލަށްލާ އަނިޔާ ކޮށްފައިވާ ކަމަށެވެ. އެއީ ތިމާއާއި ތިމާގެ މީހެއް ވިޔަސް ނުވަތަ ތިމާގެ ރައްޓެއްސެއްވިޔަސް އެކަން އޮތީ އެގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ މި ވެރިކަން ފެށުނު ދުވަހުން ފެށިގެން ސިޔާސީ މީހެއް ވިއްޔާ ދުރައްލާ އެއްކައިރި ކުރުމުގެ ޒަމާން ތާއަބަދަށް ނެތިގެން ގޮސްފައި ވާ ކަމަށާއި އެކަން ދެން ރާއްޖެއިން ނުފެންނާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!