ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟަށް ވަޑައިގެންފިއެވެ.
ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތުމުން ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ރިޔާޟްގެ ޑެޕިއުޓީ ގަވަރނަރ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒެވެ.
މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ސަމިޓުގެ މަޝްވަރާތައް ބިނާވެގެންދާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.
މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާ މި ސަމިޓުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.