ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އެތައް ޒަމާންތަކެއް ވަންދެން ދިގުލައި ގޮސްފައިވާ އަނިޔާވެރިކަން ނިމުމަކަށް އަންނަންޖެހޭކަން ފާހަގަކުރައްވައި، "ފުދިއްޖެ" ކަމަށާއި، "ދެން އިތުރަށް އެކަން ބަރުދާސްތުކުރުމެއް ނެތް" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓްގައި ތަޤުރީރުކުރައްވަމުންނެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤުރީރުގައި، އިޒްރޭލުގެ ޢުދުވާނީ ޢަމަލުތައް ކުށްވެރި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާރާއި ބާރު ލިބިފައިވާ ވެރިންގެ ކިބައިން، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާ މަންޒަރު ފެނިގެންނުދާކަމުގައި ވިދާޅުވިއެވެ.
އެގޮތުން، މިމައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހަރަކާތްތެރިކަމާއި އަޅާލުންކުޑަކަމާއި، ވަކިން ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޢަމަލުތައް ފާހަގަކުރައްވައި، ވީޓޯގެ ބާރު ބޭނުންކުރުމުގެ ސަބަބުން މާނަހުރި ފިޔަވަޅުތަކަށް ހުރަސްއެޅި، ހަނގުރާމައިގެ ޖަރީމާތަކާއި ހަތިޔާރު ފޯރުކޮށްދިނުމުގެ މަގު ފަހިވެގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ އަނިޔާވެރި އިސްތިޢުމާރީ އަޅުވެތިކަމާއި ނަސްލު ނައްތާލުމުގެ ގަތުލުއާންމު ކުށްވެރިކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ 75 އަހަރު، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ އދގެ ޖަމިއްޔާ (ޔޫ.އެން.އާރް.ޑަބްލިއު.އޭ.)، އިޒްރޭލުން ރޫޅާލިރޫޅާލުންވެސް ކުށްވެރިކުރައްވާފައެވެ. އެއީ އިންތިހާއަށް މުހިންމު ޖަމިއްޔާއެއް ކަމަށާއި، އެ ޖަމިއްޔާއަށް ބޭނުންވާ އެހީ ދިނުމުގައި ދެމިތިބުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އަދި މުސްލިމް އަދި ޢަރަބި ޤައުމުތަކުން ފަލަސްޠީނަށް ތާއީދުކުރަނިވި އުސޫލަކުން ފިޔަވަޅުތައް އެޅުމަށްވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ވަކިވެފައި އޮތް މިނިވަން، ދެ ދައުލަތުގެ ހައްލަކަށް ގްލޯބަލް އެލަޔަންސެއް ނުވަތަ ޢާލަމީ ޢަހްދެއް ބިނާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމުގެ ޚާންދާނުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ތަޢުރީފުކުރެއްވިއެވެ. އަދި މިކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ސާބިތުވެ އޮތުމަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުއްމީދާއި ހިތްވަރު އައުކޮށްދެނިވި އަލިކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕާއި އެއްބައިވަންތަކަން މި ސަމިޓުން ދައްކުވައިދީފައިވާކަން ފާހަގަކުރައްވައި، މާނަހުރި ބަދަލުތަކެއް ގެނައުމަށްޓަކައި މުސްލިމް އަދި ޢަރަބި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟަށް ވަޑައިގަތީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށެވެ. މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރަތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރެއްވި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.