ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

ކަނޑައެޅިގެން ގާނޫނު އަސާސީ އާ ޚިލާފު ބަޖެޓެއް ހުށަހަޅާ މިއީ ފުރަތަމަ ފަހަރު: މީކާއިލް

ކަނޑައެޅިގެން ގާނޫނު އަސާސީ އާ ޚިލާފު ބަޖެޓެއް ހުށަހަޅާ މިއީ ފުރަތަމަ ފަހަރު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުޘް ކުރުމަށް މެމްބަރުންނަށް ހުޅުވާލުމުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މީކާއިލް ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރެވޭ ގޮތަކީ ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހަޅުއްވާ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މޭޒްކޮޅުމަތީ މެމްބަރުންނަށް ފެންނާނެހެން ތަފްސީލު އޮންނަ ކަމަށެވެ.

އެގޮތުން ކުރެވުނު ޚަރަދާއި ނެގުނު ލޯނާއި ލިބޭ އާމްދަނީ އާ، މިހުރިހާ ކަންކަމުގެ ޖަސްޓިފިކޭޝަން ހިމެނޭ ތަފްސީލް ކަރުދާހެއް މެމްބަރުންނަށް ލިބޭ ކަމަށެވެ. އެތަފްސީލް  ކުރިއާލައި ރައްޔިތުންގެ މަންދޫބުންނަށް ހަވާލުކުރުމުގެ ބޭނުމަކީ އަންނަން އޮތް އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށް އެހާމެ މުހިންމު ކަމަކަށް ވުމުން އެ ބަހުޘަށް ރައްޔިތުންގެ މަންދޫބުން ތަޔާރުވާން ޖެހޭނެތީއެވެ.

"އަހަރަކު އެއްފަހަރު ދައުލަތުގެ މުޅި ބަޖެޓަށް ފާރަވެރިވާ ރައްޔިތުންގެ މަންދޫބުންނަށް މިތާ މިތިބަ 82500 ރުފިޔާ މަހަކު ލިބޭ 93 މެމްބަރުންނަށް މިފުރުސަތު މިދެނީ ވަރަށް މުހިންމު ބޭނުމެއްގަ. އެހެން ނަމަވެސް މިއަދު 2025 ވަނަ އަހަރަށް ޕީއެންސީގެ ސަރުކާރުން ހުށަހަޅުއްވާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއިރު ރައްޔިތުންގެ މަންދޫބުން އަތުން ސަރުކާރުން ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު މިވަނީ ނަގާލާފަ." މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އެއްވެސް މައުލޫމާތެއް އެއްވެސް ތަފްސީލެއް ނޭނގޭ ބަޖެޓަކަށް ހަގީގަތުގަ ބަހުސް ކުރުމަކީވެސް ވަރަށް އުނދަގޫ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނަށް ވާނެ ކަމާމެދު އެބޭފުޅާގެ ހިތުގައި ޝައްކެއް ނެތް ކަމަށެވެ.

"ދެވަނަ ކަމަކަށް އަޅުގަނޑު ހިތުން ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރަށް ވެސް އެނގިތިބެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އެނގި ތިބެ އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ވެސް އެނގިތިބެ ކަނޑައެޅިގެން ގާނޫނާ ޚިލާފު ބަޖެޓެއް. ކަނޑައެޅިގެން ގާނޫނާ ޚިލާފު ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މިއީ ފުރަތަމަ ފަހަރު." މީކާއިލް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް މި ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓާ ގުޅިގެން މީކާއިލް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

 

advertisement
ހިޔާލު ދެއްވާ!