އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ބިލު ނިންމޭނީ ފެބްރުއަރީ މަހު: 241 ކޮމިޓީ

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށްޓަކައި ހުށަހަޅާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭކަންކަން ނިންމުމުގެ ސުންގަޑިއަކީ ފެބްރުއަރީއަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކޮމިޓީގެ މެންބަރުން މިގޮތަށް ނިންމާފައިވަނީ މި މައްސަލައިގެ ދިރާސާއަށް ސިޔާސީ ޕާޓީތަކާއި، ޓޫރިޒަމް މިނިސްޓްރީގެ ވެރިންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި ބައްދަލުކޮށް، އޭގެ ފަހުން ވެސް ބައްދަލު ކުރަން ޖެހޭ ބަޔަކު ތިބި ނަމަ އެ ބޭފުޅުންނާއި ބައްދަލުކޮށް، އެންމެންގެ މަޝްވަރާ އާއި އެއްބާރުލުން ބޭނުންވާތީކަމަށް ބުނެއެވެ.

މި ބިލު މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމެވެ. މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި މި ބިލު ބަލައިގަނެ މަޖިލީހުގެ ސަލާމަތީ ޚިދްމަތްތަކާ ބެހޭ ކޮމިޓީކަމަށްވާ، 241 ކޮމިޓީއަށް ވަނީ ފޮނުވާފައިވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

ބިލުގައިވަނީ އިސްރާއީލް ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް އިސްރާއީލްގެ ރައްޔިތަކު ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅާފައެވެ. މި ބިލު ހުށަހެޅި އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، މިހާތަނަށް ވަކި ގޮތަކަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެންނަން ބޭނުންވުމަކީވެސް ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފެބްރުއަރީގެ ނިޔަލަށް މި ބިލްގެ ސުންގަޑި ކަނޑައަޅަން މިއަދުގެ ކޮމެޓީގައި ފާސްކޮށްފައި ވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އައުލަބިއްޔަތުންނެވެ.

advertisement
ހިޔާލު ދެއްވާ!