އދ ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީޒް (ކޮޕް 29) ގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޒަރްބައިޖާންގެ ބާކޫއަށް ވަޑައިގެންފިއެވެ.
ނޮވެމްބަރު 11 އިން 22 އަށް ބާކޫގައި ބާއްވާ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސުލްޖުމްހޫރިއްޔާ އަޒަރްބައިޖާނަށް ވަޑައިގަތުމުން އެ ޤައުމުގެ އިސް އޮފިޝަލުން ވަނީ، ހައިދަރް އަލިޔޭވް ބައިނަލްއަޤުވާމީ ވައިގެބަނދަރުން ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ކޮޕް29ގެ އެޖެންޑާގައި، އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވަރކް ފުރިހަމަކުރުމަށާއި، ހުރިހާ މެންބަރުން ހިއްސާކުރާ މާލީ އައު ލަނޑުދަނޑިއެއް ކަނޑައެޅުމަށާއި، ބައިނަލްއަޤުވާމީގޮތުން އެއްބާރުލުންދިނުން އިތުރުކުރުމަށާއި، ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަޒަރްބައިޖާނަށް ވަޑައިގަތީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި ޖޮއިންޓް ޢަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ. އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޚުޠޫރަތްތެރި މައްސަލަތަކާމެދު ސަރަޙައްދީ އަދި އިސްލާމީ ޤައުމުތަކުގެ އިސްވާރުން ކުރެއްވި މަޝްވަރާގައި ބައިވެރިވެވަޑައިގެންފައެވެ.