އިޒްރޭލަށް ވާގިވެރިވެގެން ތިބި ބާރުގަދަ ގައުމުތަކުން އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދެމުން ޞުލްހައަށް ގޮވާލެވޭނެ ގޮތެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓްގައި ތަޤުރީރުކުރައްވަމުންނެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤުރީރުގައި، އިޒްރޭލުގެ ޢުދުވާނީ ޢަމަލުތައް ކުށްވެރި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާރާއި ބާރު ލިބިފައިވާ ވެރިންގެ ކިބައިން، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާ މަންޒަރު ފެނިގެންނުދާކަމުގައި ވިދާޅުވިއެވެ.
އެގޮތުން ވީޓޯ ކުރުމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސަލާމަތީ މަޖިލީހަކީ ބާރެއްނެތް ބޭކާރު ތަނަކަށް ހަދައިފިކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ތަޤްރީރުގައި އެމަނިކުފާނު ވަނީ ކޮންމެ މަރަކީ ބޮޑު ކާރިސާއެއް ކަމަށާއި، އާއިލާތައް ރޫޅި ހިނގައްޖެ ކަމަށާއި، ތުއްތު ކުދިން ޔަތީމުވެ އެކަނިވެރިވެއްޖެ ކަމަށް ވިދާޅުވެފައެވެ. އަދި ވެއްޓޭ އިމާރާތްތަކުގެ ދަށުގައި އުއްމީދުތަކާއި ދެކެމުން އައި ހުވަފެންތައް ވަޅުލެވި ހިނގައްޖެކަމަށާއި ލޯތަކުގެ ކުރިމަތީގައި މުސްތަގުބަލް ކަފުންވެއްޖެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އާރާއި ބާރު ހުރި ފަރާތްތަކުން އަޅާ ނުލައި ތިބުމުގެ ސަބަބުން އެ އަނިޔާވެރިކަން ކުށްވެރި ކުރާ އަޑުތައް ފަނޑުވެއްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ވަކިވެފައި އޮތް މިނިވަން، ދެ ދައުލަތުގެ ހައްލަކަށް ގްލޯބަލް އެލަޔަންސެއް ނުވަތަ ޢާލަމީ ޢަހްދެއް ބިނާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމުގެ ޚާންދާނުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ތަޢުރީފުކުރެއްވިއެވެ. އަދި މިކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ސާބިތުވެ އޮތުމަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުއްމީދާއި ހިތްވަރު އައުކޮށްދެނިވި އަލިކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕާއި އެއްބައިވަންތަކަން މި ސަމިޓުން ދައްކުވައިދީފައިވާކަން ފާހަގަކުރައްވައި، މާނަހުރި ބަދަލުތަކެއް ގެނައުމަށްޓަކައި މުސްލިމް އަދި ޢަރަބި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟަށް ވަޑައިގަތީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށެވެ. މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރަތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރެއްވި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.