ވެރިކަމަށް އަހަރެއް ވެގެން ދިޔައިރު މިހާ އޮއްޓަރެއް ނެތް ގޮތަކަށް، މިހާ ދެއުޅި އެއް ނުވާ ސަރުކާރެއް ހިނގާ މަންޒަރު ނުދެކޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއިލް މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުޘް ކުރުމަށް މެމްބަރުންނަށް ހުޅުވާލުމުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ބަހުޘް ގަޑީގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމާ ބެހޭ ގާނޫނުގައި ކަނޑައެޅިގެން ވަކި ގޮތަކަށް ވަކި އަދަދެއް ބްލޮކް ގްރާންޑްގެ ގޮތުގައި ކައުންސިލްތަކަށް ދޭން ޖެހޭނެ ކަމަށް ބުނެ ގާނޫނުގަ ބުނެފައިވާ ކަމަށެވެ.
އެކަމަކީ އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއެއްގެ ހެޔޮފުޅުކަމުން އެއިރެއްގައި ހުންނަށް ފިނެންސް މިނިސްޓަރުގެ އަރިހަށް ކައުންސިލަރުން ކުރާ ޒިޔާރަތަކުން ކަނޑައެޅޭ އަދަދެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމީ ވަރަށް މުހިންމު ބޭނުމަކަށްޓަކައި ކަމަށް މީކާއިލް ވިދާޅުވިއެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ދައުލަތުގެ ބަޖެޓް ހުށަހެޅިގެންދާއިރު ކަނޑައެޅިގެން ގާނޫނާ ޚިލާފް އަދަދުތަކެއް ކަނޑައެޅި ބްލޮކް ގްރާންޓްގެ ގޮތުގައި ދައުލަތުގެ ބަޖެޓުގައި ޖެހި ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅިފައިވާ މަންޒަރު. ފިނޭންސް މިނިސްޓަރު އެހެން ގައުމެއްގައި ނަމަ ފިނެންސް މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހޭނެ. އެހެން ނަަމަވެސް މިއީ އާދަޔާ ޚިލާފު ގައުމެއް. މިއީ އާދަޔާ ޚިލާފު އަހަރެއް. ތަފާތު ކަންކަން ޕީއެންސީ ސަރުކާރުން ކުރަމުން މިދަނީ އަހަރެއް ވެގެންދާއިރު، މިހާ އޮއްޓަރެއް ނެތް ގޮތަކަށް މިހާ ދެއުޅި އެއް ނުވާ ސަރުކާރެއް ހިނގާ މަންޒަރު އަޅުގަނޑުމެންނެއް ނުދެކެން." މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ މިދިޔަ އަހަރަށް ވުރެ 7 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެއް އަންނަ އަހަރަށް ހުށަހަޅާފައިވާއިރު، އެންމެ ފާހަގަވާ އެެއް ކަމަކީ މި ސަރުކާރު ފެށުނީއްސުރެ އަބަދުވެސް ދައްކަނީ ދައުލަތް ބަނގުރޫޓުވުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ވާހަކަ އާއި ދަރަނި ބޮޑުވެގެން އުޅޭ ވާހަކަ ކަމަށެވެ. އެހެންނަމަވެސް މި ބަޖެޓުން ޚަރަދު ކުޑަކުރަން ކުރި ހަމަ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް މީކާއިލް ވިދާޅުވިއެވެ.
"މިދިޔަ އަހަރަށް ވުރެ ހަތް ބިލިއަން ބޮޑު ބަޖެޓެއް އަންނަ އަހަރަށް ހުށަހަޅާފައިވާއިރު، މުވައްޒަފުންނަށް ކުރާ ޚަރަދު މިއޮތީ 14 ބިލިއަން ރުފިޔާ. މިދިޔަ އަހަރަށްވުރެ 37 ޕަސެންޓް އިތުރު ވެފަ. މިނިމޭއަހަރު 4200 މުވައްޒަފުން ތިބިކަމަށް ބަޖެޓުން އެނގޭއިރު އޭގެތެރޭގައި އަދި 1100 ސިޔާސީ މުވަޒަފުން ތިބި ކަމަށް މި ވިސްނާއިރު 2025 ލަފާކުރާ ދައުލަތުގެ ބަޖެޓުން 56005 މުވައްޒަފުންނަށް ދައުލަތުން ޚަރަދު ކުރާނެކަމަށް ދައުލަތުގެ ބަޖެޓުގައި އެބަ ބުނޭ. މިއިން އަޅުގަނޑުމެންނަށް ސާފުވާ އެއްކަމަކީ މިސަރުކާރުގައި 2200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަން. ޚަރަދު މިދަނީ ބޮޑުވަމުން، ސިޔާސީ މުވައްޒަފުންނަށް، ސިޔާސީ ގޮތުން އައްޔަނު ކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުކޮށް ގޮނޑި ހޫނުކުރާނެ މީހުންނަށް ކުރާ ޚަރަދު މި ބަޖެޓުން މިވަނީ ގިނަ." މީކާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން މީކާއިލްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ޚަރަދު ބޮޑުވާއިރު އާންމު ރައްޔިތުންގެ ޖީބަށްކުރާ ޚަރަދު މިދަނީ ކުޑަވަމުން ކަމަށެވެ. އަދި ސަރުކާރުން އާންމު ރައްޔިތުންގެ ޖީބަށް އަތްބާނާ ބޭނުން ކުރިޔަށް އޮތް އަހަރު ދާނީ ބޮޑުވަމުން ކަމަށެވެ. އެގޮތުން ސަބްސިޑީތަށް މި ސަރުކާރުން ކަނޑާލަން ނިންމާފައިވާ ކަމަށެވެ.
މީކާއިލް ވިދާޅުވީ ސަބްސިޑީ ކަނޑާލާއިރު ޓަރގެޓެޑް ސަބްސިޑީއަށް ދިޔުމަކީ އެބޭފުޅުންވެސް ތާއީދު ކުރާކަމެއް ކަމަށާއި އެހެން ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ސަރުކާރަށް އަހަރެއް ލިބިގެން ދިޔައިރު ކަންކަން ރާވާ އިންތިޒާމުކުރަން މިސަރުކާރަށް ނޭނގުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޓަރގެޓެޑް ސަބްސިޑީތަަކަށް ދިޔުމަށް ސަރުކާރުގެ މި ކުއްލި މިސްރާބު އަނބުރާލާއިރު އެކަމަށް އެއްވެސް ރޭވުންތެރި ކަމެއް ނެތް ކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ ސަބްސިޑީގެ ކަންކަން ކުރާނެ ޕްލޭނެއް މިސަރުކާރުގައި ނެތް ކަމަށެވެ. އަދި ޓަރގެޓެޑް ސަބްސިޑީތައް ދޭނީ ކޮންބަޔަކަށްތޯ ކަނޑައަޅާނެ ދަފުތަރެއްހާ މިނަށް ވެސް ސަރުކާރަށް އެކުލަވާލެވިފައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކުއްލި ގޮތަކަށް އަންނަ އަހަރު ކަރަންޓުން ސަބްސިޑީ އާއި ކާބޯތަކެތިން ސަބްސިޑީ ކަނޑާލާއިރު ޑައިރެކްޓް ސަބްސިޑީ ދެން ދެވޭނީ ކޮން ބަޔަކަށްތޯ ރައްޔިތުންނަކަށް ނޭނގޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.
"ސުވާލު އެބަ އުފެދޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރަހަށް ދިޔައިމާތޯ ދެން ސަބްސިޑީ ލިބޭނީ، ކާބޯތަކެތީގެ ސަބްސިޑީއެއް ދެން ލިބޭނީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރު ކައިރިޔަށް ދިޔައިމަތޯ ނޫނީވިއްޔާ ވަޒީރު ބޭފުޅެއްގެ އިންތިޒާރުގައި ރައީސް އޮފީސް ދޮށުގައި މަޑުކޮށްލައިގެން ހުރެގެންތޯ މި ސަބްސިޑީ ލިބޭނީ އެންސްޕާ އަށް ލާ ފޯމަކުންތޯ މި ސަބްސިޑީ ލިބޭނީ. އެއްވެސް މައުލޫމާތެއް ނެތް. 2025 އަހަރަށް ރައްޔިތުން މިދަނީ ކަނު އަނދިރީގަ." މީކާއިލް ވިދާޅުވިއެވެ.