ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއަރ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި

ސިފައިންނާއި ފުލުހުންނަށް މިހާރު ދެމުންދާ މެޑިކަލް ވެލްފެއަރ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕްރައިވެޓް އިންޝުއަރެންސް ސްކީމެއް މެދުވެރިކޮށް އެ ޚިދްމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ  ބަޖެޓް ފޮތުގައިވާގޮތުން، އާސަންދައާއި މެޑިކަލް ވެލްފެއަރގެ އިތުރުން ސިފައިންނާއި ފުލުހުންނާއި އެފަރާތްތަކުގެ ޢާއިލާތަކަށް މެޑިކަލް ވެލްފެއަރ ސްކީމް މިހާރު ބައްޓަންވެފައި އޮތްގޮތުން، އެއް ފަރުވާއަކަށް ނުވަތަ ޚިދްމަތަކަށް އިތުރު ސްކީމެއް ކަނޑައެޅި ޚަރަދުކުރެވެމުންދެއެވެ. އަދި އެ ސަބަބާހުރެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު އޮތީ ހުޅުވިފައިކަމަށް ބަޖެޓް ފޮތުގައި ބުނެއެވެ.

އަދި އާންމުގޮތެއްގައި ސިއްޙީ އިންޝުއަރެންސްގައި ކަވަރުނުކުރާ ކޮސްމެޓިކް ޕްރޮސީޖާތައްފަދަ ކަންކަން ސިފައިންނާއި ފުލުހުންގެ މެޑިކަލް ޕްރޮގްރާމްތަކުގެ ތެރެއިން ކަވަރުކުރާކަމަށާއި، އެކަމުގެ ސަބަބުން އިސްރާފު އިތުރުވެ، އެންމެ ބޭނުންޖެހޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިވެއެވެ.

އެހެންކަމުން، މިހާރު ކަނޑައެޅިފައިވާ ވެލްފެއަރ ސްކީމްގެ ބަދަލުގައި ސިފައިންނާއި ފުލުހުންނާއި އެފަރާތްތަކުގެ ޢާއިލާތަކަށް އެއްހަމަކޮށް، ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި، އަހަރުގެ ތެރޭގައި ޚަރަދުކުރަންޖެހޭ މިންވަރު ކޮންޓްރޯލްކުރުމަށް ނިންމާފައިވާކަމަށް ފިނޭންސުން އާންމުންކޮށްފައިވާ މަޢުލޫމާތުގައިވެއެވެ.

މިގޮތަށް ހަމަޖެއްސުމުން، އިންޝުއަރެންސް ޕެކޭޖް ހަމަވުމުން ސިފައިންނާއި ފުލުހުންނަށް މެޑިކަލް އިންޝުއަރެންސް ލިބޭނީ އާސަންދަ ސްކީމްގެ ތެރެއިންނެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ފިނޭންސުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ފުލުހުންނާއި ސިފައިންނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރެއެވެ. އެގޮތުން މި އަހަރު އެކަނި ވެސް ސިފައިންނާއި ފުލުހުންނާއި އެ މީހުންގެ އާއިލާތަކުގެ އިންޝުއަރަންސަށް 322 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!