ރާއްޖެއަށް ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންވާ ތަކެތި އެތެރެ ކުރުން މަނާކުރާ ބިލް ރައްޔިތުންގެ މަޖްލީހުން މިއަދު ފާސްކޮށްފިއެވެ.
ވޭޕް މަނާކުރަން ފާސްކުރި މި ބިލަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވާ ބިލެކެވެ.
ސަރުކާރުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ހުށަހެޅީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެހި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި، 21 އަހަރުން ދަށުގެ މީހުންނަށް ސިނގިރޭޓް ފަދަ ދުންފަތުގެ އެފަދަ ބާވަތްތައް ވިއްކުން މަނާކުރުމަށެވެ.
އެބިލުގައިވާ ގޮތުންނަމަ، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންވާ ތަކެތި އެތެރެ ކުރުން މަނާވާއިރު، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް ވިއްކުމާއި ބޭނުން ކުރުން ވެސް މަނާވާނެއެވެ. މި ބިލުގައި ވަނީ މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ދެވޭނެ އަދަބުވެސް ކަނޑައަޅާފައެވެ. އެގޮތުން ހިމަނާފައިވަނީ ޖޫރިމަނާގެ އަދަބުތަކެކެވެ.
އޭގެތެރޭގައި ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހިމަނާފައިވާއިރު، އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ އިތުރުކުރެވެއެވެ.
ވޭޕް ވިއްކާ މީހުންނަށް އޮތް އަދަބަކީ 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ވިއްކި ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާ ޖޫރިމަނާއަށް އިތުރުކުރުމެވެ. މީގެ އިތުރުން ހިލޭ މީހަކަށް ވޭޕެއް ދީފި މީހަކުވެސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ. އަދި ވޭޕް ބޭނުން ކޮށްފި މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މި ބިލުގައި ވަނީ ބުނެފައެވެ.
އައިފާން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓުންނެވެ.