މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި, މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި, ތަރައްގީކޮށް, ދެމެހެއްޓުމުގެ މަގުސަދުގައި މި ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
ބިލުގައި ވާގޮތުން، މި ބިލު ގާނޫނަކަށްވެގެން ޢަމަލުކުރަން ފެށުމާއެކު އެމްއެމްސީ އާއި ބްރޯޑް ކޮމް އުވިގެންދާނެއެވެ. އަދި އާ ޤާނޫނާއެކު ވުޖޫދުވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ 7 މެންބަރުންނެވެ. އޭގެ ތެރެއިން 4 މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. އަނެއް ތިން މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުންނެވެ. އެހެންނަމަވެސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ބިލުގައި ބުނީ ކޮމިޝަން އެކުލަވާލައި މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން, ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށެވެ.