MAJLIS

މީޑިއާ ކޮމިޝަންގެ ބިލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރަން ނިންމައިފިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި މި ކުއްލި މައްސަލަ އެޖެންޑާ ކުރެވެން ނެތީ މަޖިލީހުގެ ޤަވާޢިދުގައި ބުނާ ޝަރުތުތައް ފުރިހަމަނުވާތީކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

މީކާއިލް ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު ފަރުމާކޮށްފައިވަނީ، ނޫސްވެރިންނާއި މީޑިއާ ހިންގާ ފަރާތްތައް ސަރުކާރުގެ މުށުތެރެއަށްލައި މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބާރު ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮންނަ ގޮތް ހެދުމަށް ކަމަށެވެ. އަދި ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި މީޑިއާތައް ޖުރިމަނާކޮށް ނޫސްތަކާއި މީޑިއާތައް ބަންދުކޮށްލުމުގެ ފުރިހަމަ މިނިވަންކަން ސަރުކާރަށް ލިބިގެންދާ ގޮތަށް ބިލު ފަރުމާކޮށްފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

އަދި މި ބިލަކީ، ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިކޮށް، ރައްޔިތުންގެ މިނިވަންކަން ނަގާލުމުގެ ނިޔަތުގައި ސަރުކާރަށް ލިބފައިވާ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔތުގެ ނާޖައިޒް ބޭނުންކޮށްގެން ހިންގަމުންދާ ޖަރީމާތަކަށް އިތުރުކުރެވޭ ބޮޅެއްކަމަށްވެސް މީކާއިލް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން މިފަދަ ބިލުތައް ފާސްކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!