އެމްޓީސީސީއަށް އެއްފަހަރާ ކުރިއަށް ނުގެންދެވޭނެހާ ގިނަ މަޝްރޫއު މިދިޔަ ސަރުކާރުގައި އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި ފެނަކަ ކޯޕަރޭޝަނުން ދުވަހަކު ވެސް ނުހިންގާ ޒާތުގެ މަޝްރޫއުތައް އެ ކުންފުންޏާވެސް ޙަވާލުކޮށްފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "ހަފުތާ 52″ ޕްރޮގްރާމުގެ ރޭގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރަށްވާތީ، އެ އަހަރުގެ ބަޖެޓު ހަދާފައި ހުރީ ސީދާ ރިޔާސީ އިންތިޚާބަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން ދެވަނަ ދައުރެއް ކާމިޔާބުކުރުމަށްޓަކައި މުސްތަގުބަލަށް ވިސްނުމެއް ނެތި، ދެން އަންނަން އޮތް ވެރިކަމަކާމެދުވެސް ވިސްނާލުމެއްނެތި ބަޖެޓް ހަދާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެތައް ސަތޭކަ ޕްރޮޖެކްޓެއް ބަޖެޓުގައި ހިމަނައިގެން، ކޮންމެ ޕްރޮޖެކްޓަކަށް ވަރަށް ކުދި އަދަދުތަކުން ފައިސާ ހިމަނައިގެން، އިންތިޚާބާ ދިމާކޮށް ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާ އެތައް ޕްރޮޖެކްޓެއް އެބަހުރިކަމަށެވެ. އެގޮތުން ބައެއް ޕްރޮޖެކްޓްތަކުގައި ސޮއިކޮށްލުމަށްފަހު ހަމައެކަނި އެކްސްކަވޭޓަރަކާއި ދެތިން މީހުން ރަށްރަށަށް ފޮނުވާފައިވާ ކަމަށާއި، ބައެއް ރަށްރަށުގައި ހަމައެކަނި ވަޅުގަނޑެއް ކޮނެލާފައި ހުރިތަންވެސް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން ބައެއް ޕްރޮޖެކްޓްރައް ހިންގުމަށްޓަކައި ނަގަންޖެހޭ ހުއްދަތައްވެސް ނުހޯދައި މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބުން ބަލިވުމާއެކު އެ ހުރިހާ ޕްރޮޖެކްޓެއް ކަހަލަ ގޮތަކަށް ހުއްޓާލި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ތެރެއިން އެކަނިވެސް 39 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ސޮއިކޮށްފައިވާ ކަމަށާއި އެއީ ދައުލަތުގެ އާމްދަނީއާ ވެސް ނުބައްދަލު އަދަދެއް ކަމަށެވެ.